ޚަބަރު

އެމްއެމްއައިން މިފަހަރުވެސް ސްކޫލް ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ ވޯކްޝޮޕެއް!


  • ވޯކްޝޮޕް ކުރިއަށްދާނީ މިމަހުގެ 2އިން 7އަށް

  • މިވޯކްޝޮޕްގައި 100އަށްވުރެ ގިނަ ކުދިން ބައިވެރިވި

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ސްކޫލް ކުދިންނަށް ޚާއްސަ ކޮށްގެން އެމްއެމްއައިއިން "ހޮލިޑޭ ކޭމްޕް ޖުލައި 2025"ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕަކީ، ޕަބްލިކް ސަރވިސް މީޑިޔާ ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މިއީ މިމަހުގެ 2 އިން 7ގެ ނިޔަލަށް ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

"ހޮލިޑޭ ކޭމްޕް ޖުލައި 2025" ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ޖުމްލަ 130 ކުދިން ބައިވެރިވިއެވެ. އެއީ 9 އަހަރާއި 17 އަހަރުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 6 ކްލާހަކަށް ބަހާލައިގެންނެވެ. އެގޮތުން މި ވޯކްޝޮޕްގެތެރެއިން ވީޑިއޯ އެޑިޓިން ކްލާސްތަކާއި، ކޯޑިންގ އަދި ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ފެހުމާއި މާޖެހުންމުގެ މަސައްކަތްތައް ދަސްކޮށްދޭ ކްލާސްތަކެއްވެސް ކުރިއަށްގެންދެއެވެ. ހަމައެއާއެކު، ޓީވީ ޕްރެޒެންޓިންގ ކުލާސްތަކާއި، ޕެއިންޓް އެންޑް ކްރާފްޓްގެ ކިލާސްތަކުގެ އިތުރުން ވޯކަލް ކިލާސްތަކެއްވެސް މި ވޯކްޝޮޕްގެތެރެއިން ކުރިއަށްގެންދެއެވެ.

މި ވޯކްޝޮޕްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މަރިޔަމް ރުޝްދާ ބުނީ، ސްކޫލް ޗުއްޓީއާ ދިމާކޮށް އެމްއެމްއައި އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ވޯކްޝޮޕްތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ.

"އެމްއެމްއައި އިން ކުރިއަށްގެންދާ ސްކޫލް ހޮލިޑޭ ޕްރޮގްރާމަކީ ކޮންމެ ސްކޫލް ހޮލިޑޭއަކަށްވެސް ޚާއްސަކޮށްގެން އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގްރާމެއް، ބެލެނެވެރިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ޕްރޮގްރާމެއް. މި ޕްރޮގްރާމުން ކުދިންނަށް މި ދަސްވަނީ ވަރަށް ބައިވަރު ހުނަރުތައް، ކުދިންނަށް ބޭނުންވާ ވަރަށް މުހިންމު ސްކިލްސްތަކެއް، އޭގެއިތުރުން އަޅުގަނޑު ފާހަގަކޮށްލަން މި ކުދިންނަށް މި ފުރުސަތު މި ލިބެނީ ވަރަށް މަޖާ މާޙައުލެއްގައިކަން" ރުޝްދާ ބުންޏެވެ.

އެމްއެމްއައިގެ ޕްރެސެންޓިންގ ވޯކްޝޮޕްގައި ބައިވެރިވި ދަރިވަރުންވެސް ފާހަގަކުރީ މި ވޯކްޝޮޕަކީ އެކުދިންނަށް ވަރަށް ގިނަ އެއްޗެހި ދަސްވި ވޯކްޝޮޕެެއްގެ ގޮތުގައެވެ.

އެމްއެމްއައި އިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ދާއިރާއިން އިތުރު ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް އިތުރުކުރުން ހިމެނެއެވެ.

ޕްރެސެންޓިންގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި އެމްއެމްއައި އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސްކޫލް އުމުރުގެ ކުދިންނަށް އެކިއެކި ތަމްރީންތައް ދިނުމާއި، ޕްރެޒެންޓިންގް ގެ ދާއިރާއަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަށް އެމްއެމްއައި އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.