ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ސޯޝަލް ކެޓަގަރީގެ ސިންގަލްސް ޗެމްޕިއަންކަން ލައިބާ އާއި ނާޝިތު ހޯދައިފިއެވެ.
ސޯޝަލް ކެޓަގަރީގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ލައިބާ އަހުމަދު މަޙްލޫފް ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޝުބާ މުހައްމަދު ޝަރީފް ދެ ގޭމުން ބަލިކޮށްގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ލައިބާ ކާމިޔާބުކުރީ 21-18 22-20 އިންނެވެ.
ފިރިހެން ޗެމްޕިއަންކަން އިބްރާހިމް ނާޝިތު ހަމްދީ ހޯދީ ފައިނަލްގައި ނ.ހޮޅުދޫގެ ހުސެއިން މައާޝް މުހައްމަދު ބަލިކޮށްގެންނެވެ.
މިމެޗު ނާޝިތު ކާމިޔާބުކުރީ 21-13 21-15 އިންނެވެ.
މީގެއިތުރުން ނައިފަރު އޯޕަން ނެޝަނަލްސް ކެޓަގަރީގެ މެންސް ޑަބަލްސް ފައިނަލް މެޗުވެސް މިއަދު ހެނދުނު ވަނީ ކުޅެފައެވެ. ރިވައިވަލްގެ ދެ ޕެއާ ވާދަކުރި ފައިނަލް މެޗު ގެންދިޔައީ ނިބާލް އަހުމަދާއި ހުސެއިން ޒަޔާން ޝަހީދު ޒަކީގެ ޕެއާއެވެ.
މުހައްމަދު ޚަލަފް އިމްރާން އާއި ހަސަން ޒަޔާން މުޙައްމަދުގެ ޕެއާ އާއި ވާދަކުރި ފައިނަލް މެޗު ނިބާލް އާއި ޒަޔާން ކާމިޔާބުކުރީ 21-12 21-12 އިންނެވެ.
މިމުބާރާތުގެ ސޯޝަލް ކެޓަގަރީގެ ޑަބަލްސް ދެ ޑިވިޝަންގެ ފައިނަލާއި ނެޝަނަލްސް ކެޓަގަރީގެ ސިންގަލްސް މެންސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރެވެ. އަދި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ.