ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓާންޝިޕް ފަށަން ތައްޔާރުވަނީ


  • އެ ހޮސްޕިޓަލުންވަނީ އޮރިއެންޓޭޝަން ކުރިއަށްގެންގޮސްފައި

  • ރަސްމީކޮށް އިންޓާންޝިޕް ފެށޭނީ މިމަހު 10 އެއްގައި

  • މިއީ 1 އަހަރު ދުވަހުގެ ޕްރޮގްރާމެއް

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފެށުމަށް ތައްޔާރުވެއްޖެއެވެ. މެޑިކަލް އިންޓާންޝިޕް އެހޮސްޕިޓަލުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

ރާއްޖެއިން ބޭރުން މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ނުވަތަ ތަޖުރިބާގެ ފުރުޞަތު ލިބުމުގެ ދަތިކަންވަނީ ބޮޑުވެފައެވެ. ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކާއެކު ސަރުކާރުން މި މަސައްލައަށް ހައްލެއް ގެނައުމަށް މަސައްކަތްކުރައްވަމުންދާއިރު ރާއްޖޭގެ މައި ހޮސްޕިޓަލުތަކުގައިވެސް މިފުރުޞަތު ފަހިކުރުމަށް ސަރުކާރުން މިހާރުވަނީ މަސައްކަތް ފައްޓަވާފައެވެ.

މިގޮތުން މާލެ ސަރަޙައްދުގައި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގައި މިހާރު މިފުރުޞަތުވަނީ ފަހިވެފައެވެ. އަދި މާލެ ސަރަޙައްދުން ބޭރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައިވެސް މިދިޔަ ޖުލައިމަހުވަނީ އިންޓަރންޝިޕް ފަށާފައެވެ.


ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓާންޝިޕް ފެށުމަށްޓަކައި އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށްދާކަމަށެވެ. އިންޓާންޝިޕް ޕްރޮގްރާމް މިމަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުރަތަމަ ފަހަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަށާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި 15 ކުއްޖަކު ބައިވެރިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. މިއީ އެއް އަހަރު ދުވަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެކެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުންކަމަށްވާތީ މެޑިސިން ހަދާ ދަރިވަރުންނަށް މިއީ މުހިއްމު ޕްރޮގްރާމެކެވެ. މިކަން ފަހިކުރުމަށް ސަރުކާރުގެ މައި ހޮސްޕިޓަލުތަކުގައި މިފުރުސަތު ފަހިކޮށްދިނުމަށްދަނީ މަސައްކަތްކުރައްވަމުންނެވެ.

ބަންގްލަދޭޝްގެ ސަރުކާރާއެކު ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެޤައުމުންވަނީ ރާއްޖޭގެ ޑޮކްޓަރުންނަށް އިންޓަރންޝިޕް ފުރުސަތު އެޤައުމުގެ 7 ކޮލެޖަކުން ދިނުމަށް ނިންމަވާފައެވެ. ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުންވެސް ދިވެހީން އިންޓަރންޝިޕް އަވައްޓެރި ޤައުމުތަކުގައި ހަދަމުންދާކަމަށް ފާހަގަކޮށްލެވެއެވެ.