ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި


  • މި މަޤާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 19ގެ ނިޔަލަށް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވަފައިއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 04 އޮގަސްޓުން ފެށިގެން 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.