ޚަބަރު

އުތުރު ކޮރެޔާއަށް ފާޑުކިޔަން ބޭނުންކުރާ ތާޅަފިލިތައް ދެކުނު ކޮރެޔާއިން ނަގަން ފަށައިފި


އުތުރު ކޮރެޔާއާ އެކު ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުންދާ ދަނޑިވަޅެއްގައި، އުތުރު ކޮރެޔާއަށް ފާޑުކިޔަން ދެކުނު ކޮރެޔާއިން ބޭނުންކުރަމުންދާ ތާޅަފިލިތައް ސަރަޙައްދީ ރޮނގު ކައިރިން ނަގަން ފަށައިފިއެވެ.

ދެކުނު ކޮރެޔާގެ ރައީސްކަމުގެ މަޤާމާ މިދިޔަ ޖޫން މަހު ލީ ޗޭއި-މައިޔޮންގް ހަވާލުވެވަޑައިގެންނެވުމާއެކު، ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިގައި، އުތުރު ކޮރެޔާއަށް ފާޑުކިޔާ ބްރޯޑްކާސްޓުތައް ގެންނަން ބޭނުންކުރާ ތާޅަފިލިތައް ވަނީ ނިއްވާލައިފައެވެ.

ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ތާޅަފިލިތައް ނައްޓައިލަން ނިންމީ، ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކޮށް، މަޝްވަރާއަށް މަގުކޮށުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް، ދެކުނު ކޮރެޔާއާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް އުތުރު ކޮރެޔާއިން ވަނީ ބުނެފައެވެ.

ދެކުނު ކޮރެޔާއިން 2018 ވަނަ އަހަރު ވެސް އެ ތާޅަފިލިތައް ނައްޓައިލިއެވެ. ނަމަވެސް، ކުރީގެ ރައީސް ޔޫން ސުކް ޔެއޯލް ވެރިކަމަށް ވަޑައިގެން، ތާޅަފިލިތައް އަލުން ހަރުކޮށް، އުތުރު ކޮރެޔާއަށް ފާޑުކިޔާ ބްރޯޑްކާސްޓުތައް ވަނީ ފަށައިފައެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ދެކުނު ކޮރެޔާއިން ބްރޯޑްކާސްޓުތައް ހުއްޓައިލުމާ އެކު، އުތުރު ކޮރެޔާއިން ވެސް ވަނީ ދެކުނު ކޮރެޔާއާ ދެކޮޅަށް ގެންނަ ބްރޯޑްކާސްޓުތައް ހުއްޓާލައިފައެވެ.