ޚަބަރު

އެމްސީޖީއެޗް އޮޕްޓިކަލްސް: މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފި


  • ޙިދުމަތް ހޯދުމަށް 1267 ފަރާތަކުން ވަނީ އެދިފައި

  • މި ޚިދުމަތް ދެނީ އާސަންދައިގެ ދަށުން

  • ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިން

އައިޖީއެމްއެޗްގައި ޤާއިމުކުރި އެމްސީޖީއެޗް އޮޕްޓިކަލްސްއިން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ޤާއިމްކުރި އައިނު ފިހާރައެކެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން ތެރެއިން އަގުހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެމުންދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުފުޅުގެ ދަށުން ފެށި ޚިދުމަތެކެވެ. މި ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްއިން ވިދާޅުވީ އައިނު ފިހާރަ ހުޅުވި ފަހުން މިހާތަނަށް 131 ފަރާތަކަށް އައިނު ދޫކޮށްފައިވާކަމަށެވެ. އަދި ޙިދުމަތް ހޯދުމަށް އެދި 1267 ފަރާތަކުން އެދިފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

އައިނު ފިހާރައިން މިވަގުތު ޚިދުމަތް ފޯރުކޮށްދެމުންދަނީ އާސަންދައިގެ ދަށުން، ކޮންމެ 2 އަހަރަކުން ދޫކުރާ 2000 ރުފިޔާގެ ސްކީމްގެ ތެރެއިންނެވެ. އެހެންކަމުން ވޭތުވެދިޔަ 2 އަހަރު އާސަންދައިން އައިނު ހެއްދުމުގެ ޚިދުމަތް ހޯދާފައި ނެތް މީހުންނަށް، މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ އައިނު ފިހާރައިން އައިނު ހެއްދޭނެއެވެ.

އައިނަކީ އާންމު ދިރިއުޅުމަށް މުހިންމު އެއްޗަކަށްވާއިރު އައިނު ހެއްދުން ވެފައިވަނީ ރާއްޖޭގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށެވެ. ރައްޔިތުންގެ މިތަކްލީފަށް ލުޔެއް ހޯދާދެއްވުމުގެ ގޮތުން އައިޖީއެމްއެޗްގައި މިއަދު އައިނު ފިހާރަ ހުޅުވާފައިވާއިރު ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ހުޅުވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ. އަދި މިޚިދުމަތް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި ހަމައަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން ރޭގަނޑު 10:00އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.