ގައުމީ ބޮޑީބޯޑިން ލީގުގެ އެންމެ ފޯރިގަދަ އެއް މުބާރާތް، ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2025 ފަށައިފިއެވެ.
5-8 އޮގަސްޓަށް ކުރިޔަށްގެންދާ ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ އުމުރުން 14 އަހަރުން ފެށިގެން 40 އަހަރާއި ދެމެދުގެ ބޮޑީބޯޑަރުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލި މުބާރާތެކެވެ.
މި މުބާރާތުގައި 3 ކެޓަގަރީއަކުން ޖުމްލަ 21 އެތުލީޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި މެންސް އޯޕަން ޑިވިޝަނުގައި 19 އެތުލީޓުން، ޖޫނިއަރ މެންސް ޑިވިޝަނުގައި 9 އެތުލީޓުން އަދި ޑްރޮޕްނީ ކެޓެގަރީގައި 7 އެތުލީޓުން ބައިވެރިވެފައިވެއެވެ.
މާލޭ ސިޓީގެ 8 އެތުލީޓުންނާއި، ފުވައްމުލައް ސިޓީގެ 2 އެތުލީޓުންނާއި ނ. ޅޮހީގެ 3 އެތުލީޓުންނާއި ލ. ގަމުގެ 2 އެތުލީޓުންނާއި ށ. ކަނޑިތީމުގެ 2 އެތުލީޓުންނާއި ނ. މާފަރު އެތުލީޓަކާއި މ ވޭވަށުން ބައިވެރިވާ އެތުލީޓަކާއި ކ. ދިއްފުށީގެ އެތުލީޓެކެވެ.
މި މުބާރާތުގައި ޖޫންމަހު ބޭއްވި ގައުމީ ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖުގައި ވާދަކުރި ގިނަ އެތުލީޓުންނާއިއެކު ގްރާސްރޫޓުން ފެށިގެން ބޮޑީބޯޑަރުން ތަމްރީނުކުރުމަށް ހިންގާ ގައުމީ ތަމްރީނު ޕްރޮގްރާމް ހުދުފޮނުގެ ބައެއް ބައިވެރިން ވާދަކުރެއެވެ.
މި މުބާރާތް ބާއްވަން ފުރަތަމަ މަސައްކަތް ކުރީ ފުވައްމުލަކުގައެވެ. ފުވައްމުލައް ސިޓީގައި މުބާރާތް ބޭއްވޭގޮތް ނުވީ މުބާރާތް ބޭއްވުމަށް ހިންގާ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމުންނެވެ.