ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ހައި ކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ނަމަވެސް މިހާރު އެ ކޯޓުގައި ތިއްބެވީ 10 ފަނޑިޔާރުންނެވެ. ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލާފައިމވަނީ ކުރިން އެ މަޤާމަށް އައްޔަންކުރެއްވުމަށް ނިންމެވި މުޙައްމަދު ޝަހީދު، ނަން އަނބުރާ ގެންދެވުމުންނެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ޢުމުރުން 25 އަހަރުވެފައިވާ މީހަކަށްވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. ހަމައެހެންމެ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން 2 މަޤާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ކުރިން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އަލްއުސްތާޛު މުޙައްމަދު ސަލީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް މަޤާމަށް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢަބްދުﷲ ޖަމީލު މޫސާ ޢައްޔަންކުރެއްވީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާ ކޯޓެވެ.