ޚަބަރު

ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަނީ


ޒަޔަނިސްޓުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރުން މަސައްކަތް ފުޅާކޮށްފައި މި ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑު ކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޔަހޫދީންގެ ނިންމުމާ އެކު އެ މީހުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި މުސްލިމުންނާއި ޔަހޫދީންގެ މިނިވަން ދެ ދައުލަތް ޤާއިމު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމުގައި ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އިންޒާރު ކުރަމުންނެވެ. އިރުމަތީ ޤުދުސްގެ އިރުމަތިން އޮތް އީ1ގެ ނަން ދީފައިވާ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް އަޑު އުފުލާފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ އިތުރުން އެމެރިކާ ސަރުކާރުތައް ވެސް ހިމެނެއެވެ.

އީ1 ސަރަޙައްދުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ގެދޮރު ބިނާކުރުމުގެ މަޝްވަރާތައް ޒަޔަނިސްޓު ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެއީ، ޤުދުސްގެ ބޭރުން އޮތް މައަލޭ އަދުމީމް ޤުދުސްގެ ހުޅަނގާ ގުޅައިލުމުގެ ގޮތުން ހިންގާ މަޝްރޫޢެކެވެ. އެ ދެ ސަރަޙައްދު ގުޅައިލުމާ އެކު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހުޅަނގު އައްސޭރިއާ އެކަހެރިވާނެއެވެ.

އެ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ކުރަމުން ދިޔަ މަސައްކަތްތައް 2022ވަނަ އަހަރު އިސްރާއީލުން މަޑުޖައްސައިލިއެވެ. އެއީ، އެމެރިކާގެ ސަރުކާރުން ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެންނެވެ. ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ކަމަށް އިޢުތިރާޟެއް ނުކުރައްވާނެއެވެ. އޭނާއަކީ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރެެވެ.

ހުޅަނގު އައްސޭރީގެ އިތުރުން އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޖަރީމާއެކެވެ. ހުސްވި އަހަރު ވެސް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ވަނީ، އެއީ ޣައިރުޤާނޫނީ އަމަލެއް ކަން ތަކުރާރުކޮށް ސާފު ކޮށްދީފައެވެ. އެ ކޯޓުން ބުނީ، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ދިރިއުޅެމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކަމުގައެވެ.

އީ1 ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އެ ސަރަޙައްދުގައި ގެދޮރު ބިނާ ކުރުމުގެ މަޝްވަރާތައް ފެށުމާ އެކު ޖަރުމަނުވިލާތުން ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ. "އަޅުގަނޑުމެން، [ޖަރުމަނުވިލާތުގެ] މައި ސަރުކާރުގެ ގޮތުގައި، އީ1 މަޝްރޫޢުގެ ދަށުން [ޔަހޫދީން] ވަޒަންވެރި ކުރުވުމާ ވަރަށް ބޮޑަށް ދެކޮޅު ހަދަން،" ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އީ1 މަޝްރޫޢުގެ ހިންގުމަށް ހަމަޖައްސާފައި ވަނީ 1,214 ހެކްޓަރުގެ ބިމެއްގައެވެ. އެއީ، ޔަހޫދީން ވަގަށް ނަގާފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުުރުވުމަށް 4,000 ހައުސިންގ ޔުނިޓު އެޅުމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އޮތީ ނިންމާފައެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ހޮޓަލަކާއި މަގުތައް ތަރައްޤީ ކުރުމަށް ވެސް އަނިޔާވެރި ނަތަންޔާހޫ ހިމަނާފައިވެއެވެ.

ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާގައި ފަލަސްޠީނުގެ ދައުލަތެއް ބިނާ ކޮށްދިނުމަށް އެދި ފަލަސްޠީނުގެ ރައްޔިތުން ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އާދޭސް ކުރަމުންނެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު ބައިވެރިޔާ، އެމެރިކާއިންނެވެ. ހުޅަނގު އައްސޭރީގައި މިހާރު ވެސް 500,000އެއްހާ ޔަހޫދީން ދިރިއުޅެއެވެ. އަދި، އިރުމަތީ ޤުދުސްގައި ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަދަދު 220,000އަށް އަރައެވެ.