އާސެނަލް އަށް ކުރިން ކުޅެމުން އައި އެ ޓީމުގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ ސްޕެއިންގެ ވިޔަރެއާލް އަށް ސޮއިކޮށްފި އެވެ.
ގާނާ އަށް އުފަން އުމުރުން 32 އަހަރުގެ ޕޭޓޭ ވިޔަރެއާލް އަށް ސޮއި ކޮށްފައިވަނީ ހިލޭ ޓްރާންސްފަރ އެއްގެ ދަށުންނެވެ.
2020 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން 45 މިލިއަން ޕައުންޑުގެ ފީ އަކަށް އާސެނަލް އާއި ގުޅުނު ޕާޓޭ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތި މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އަންހެނުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހައްޔަރު ކުރުމަށްފަހު ދޫކޮށްފައިވާ ޕާޓޭގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފްތާގައި ލަންޑަނުގެ ވެސްޓްމިންސްޓަރ މެޖިސްޓްރޭޓް ކޯޓުގައި ފަށާފައިވާއިރު ޕާޓޭ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްފަ އެވެ. ނަމަވެސް ޕާޓޭ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ވިޔަރެއާލް އަށް ޕާޓޭ ގެންދަން މަސައްކަތް ފެށުމާއިއެކު އެ ކަމާއި ދެކޮޅަށް ވިޔަރެއާލްގެ ސަޕޯޓަރުންތަކެއް ވަނީ އޮންލައިން ޕެޓިޝަނެއް ހަދާ އޭގައި ސޮއިކޮށްފަ އެވެ.
ވިޔަރެއާލް އާއި މިއަދު ޕާޓޭ ގުޅޭއިރު އެކުވެރިކަމުގެ މެޗެއްގައި މިދިޔަ ބުދަ ދުވަހު ވިޔަރެއާލް ވަނީ އާސެނަލް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
އާސެނަލް އަށް ޖުމްލަ 167 މެޗު ކުޅެދީފައިވާ ޕާޓޭ އަކީ ގާނާގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.