ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގާ މެދު ޢަރަބި ޤައުމުތަކުން އަމަލު ކުރާނީ ފަލަސްޠީނުގެ ރައްޔިތުން އެދޭ ގޮތަކަށް ކަމުގައި އުރުދުނުން ހާމަކޮށްފިއެވެ. މި ކަން ހާމަކުރި އުރުދުން ސަރުކާރުގެ މަޞްދަރުން ބުނީ، ޣައްޒާގެ ކުރިމަގާ މެދު ޢަރަބިން ތާޢީދު ކުރާނީ، އަދި އަމަލު ކުރާނީ ފަލަސްޠީނުގެ ރައްޔިތުން އެދޭ، އަދި އެއްބަސްވާ ގޮތަކަށް ކަމުގައެވެ.
ޣައްޒާއަށް ވެރިވެގަނެ، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިންމާފައެވެ. އޭނާ ބުނީ، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެ ސަހަރުގައި ވެރިކަން ކުރުން ޢަރަބި ޤައުމުތަކާ ޙަވާލު ކުރަން ބޭނުންވާ ކަމުގައެވެ. އެއީ ކޮން ޤައުމުތަކެއް ކަން އޭނާ ސާފުކޮށްދީފައެއް ނުވެއެވެ.
"ޣައްޒާގެ ސަލާމަތީ ކަންކަން އޮންނަން ޖެހޭނީ ފަލަސްޠީނުގެ ރައްޔިތުން އެކުލަވައިލާ ޤާނޫނީ ޝަހުސެއްގެ އަތްދަށުގައި،" ނަން ހާމަކޮށްފައި ނުވާ އުރުދުންގެ މަޞްދަރުން ބުންޏެވެ. މިއީ، ނަތަންޔާހޫގެ ހުށަހެޅުމަށް ޢަރަބި ޤައުމަކުން ދީފައިވާ ފުރަތަމަ ރައްދެވެ. "ނަތަންޔާހޫގެ ސިޔާސަތުތަކަށް އަދި ހާވާފައިވާ ހަޑި ސާފުކުރަން ޢަރަބިން އެއްބަހެއް ނުވާނެ،" އުރުދުންގެ މަޞްދަރުން ބުންޏެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާއެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަށް އުފުލިފައެވެ.
ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީ ފައުޖުން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި ބަނޑަށް ޖެހިގެން ޝަހީދުވެފައިވާ މީހުންގެ އަދަދު ވެސް ވަނީ 175އަށް އުފުލިފައެވެ.