ޚަބަރު

ގްރާންޓް ލިބޭ ދަނޑުވެރިންނާއެކު އެއްބަސްވުންތައް ހަދަން ފަށައިފި


  • މިހާތަނަށް 6 ފަރާތަކާއި އެކު އެއްބަސްވުންވަނީ ހަދާފައި

  • 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ހުށަހަޅާފައިވޭ

  • އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް ދަނީ ރިވިއު ކުރަމުން

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ގްރާންޓް ލިބޭ ދަނޑުވެރިންނާއެކު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އެއްބަސްވުންތައް ހަދަން ފަށައިފިއެވެ. މިހާތަނަށް 6 އެއްބަސްވުން ހަދާފައިކަމަށްވާ އެ ވުޒާރާއިން ވިދާޅުވެއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު މަސައްކަތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ. އަދި މެޕް ގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދިނުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިއަށްގެންދިޔުމަށް ނިންމާ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާއާއި އެސް.ޑީ.އެފް.ސީއާއި ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މި އެއްބަސްވުމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓު، އިފާޑާއި ގުޅިގެން ހިންގަމުންގެންދާ ' މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް' މެފްގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، 15،188،700 ( ފަނަރަ މިލިއަން އެއްސަތޭކަ އަށްޑިހަ އަށްހާސް ހަތްސަތޭކަ) ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިޔުމާއި ގުޅޭ އެއްބަސްވުމެކެވެ.

ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ޕްރޮޖެކްޓް ގެ ފަރާތުން ތަޢާރަފް ކުރެވުނު ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ވިޔަފާރިއެއްގެ ސިފައިގައި ކުރިއަށްގެންދިއުމަށްޓަކައި މި ސްކީމް ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ގެ ތެރޭގައެވެ.

އެ ފުރުސަތުގެ ތެރޭގައި 68 ފަރާތަކުން ގްރާންޓަށް އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެ. އަދި އިތުރު 16 ފަރާތެއްގެ އެޕްލިކޭޝަންތައް ރިވިއު ކުރަމުން އަންނަކަމަށް އެ ވުޒާރާއިން ވިދާޅުވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިހާތަނަށް 6 ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާކަމަށެވެ.

އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމް އަމާޒުކޮށްފައިވަނީ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެގޮތުން ތިމާވެއްޓާރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް މިހާރު ވަނީ ޤާއިމްކޮށްފައެވެ.