ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާ، ޕަލަސްޓަޔިން އެކްޝަންގެ ދިފާޢުގައި އަޑު އުފުލުމަށް ނިކުތް 466 މީހުން އިނގިރޭސިވިލާތުގައި ހައްޔަރު ކޮށްފިއެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަގުތަކަށް އެތަކެއް ސަތޭކަ ބަޔަކު ނިކުމެފައި ވަނީ، އެ ގުރޫޕު މަނާ ކުރުމަށް ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑު އުފުލުމަށެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ޕަލަސްޓަޔިން އެކްޝަން މަނާ ކޮށްފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެ މަޖިލީހުން ވަނީ ޕަލަސްޓަޔިން އެކްޝަނަކީ ނިރުބަވެރި ކުށްތައް ހިންގާ ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ގޮތަށް ނިންމާފައި ވަނީ، އެ ގުރޫޕަށް ނިސްބަތްވާ ބަޔަކު އިނގިރޭސިވިލާތުގެ އަސްކަރީ ވައިގެ މަރުކަޒަކަށް ވަދެ، އެ ތަނުގައި ހުރި އަސްކަރީ މަތިންދާބޯޓުތަކަަކަށް ސުޕުރޭ ޖަހައި ގެއްލުންތަކެއް ދިނުމާ ގުޅިގެންނެވެ. އެ އަމަލު ހިންގާފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިނގިރޭސިވިލާތުގެ ސަރުކާރުން ތާޢީދު ކުރާތީ، އެ ކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.
ޕަލަސްޓަޔިން އެކްޝަނަށް ތާޢީދު ކުރުމުގެ ގޮތުން ލަންޑަނުގެ މަގުތަކުގައި ބޭއްވި މުޒާހަރާގައި އެތަކެއް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. އެ މީހުން ތިބީ، ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ޝިޢާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެ މީހުން ދިޔައީ ޣައްޒާ މިނިވަން ކުރުމަށް ގޮވައިލައި، ޕަލަސްޓަޔިން އެކްޝަނަށް ތާޢީދު ކުރާ ކަން ހާމަ ކުރަމުންނެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދަނީ ޤަތުލުޢާންމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލު ކުރެއެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިތުރުން އިންސާނިއްޔަތު ކަމަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ހިމެނެއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށް އުފުލިފައެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ވެސް ޔަހޫދީން ދަނީ ޖަރީމާތަކެއް ހިންގަމުންނެވެ.
މިކަމާ ދެކޮޅަށާއި، ޕަލަސްޓަޔިން އެކްޝަން ޖަމުޢިއްޔާގެ ދިފާޢުގައި އަޑު އުފުލަމުން ދިޔަ މީހުން އެއްވެފައި ވަނީ ލަންޑަނުގައި ހުންނަ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށެވެ. އެ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އަދި، އޭގެ ތެރެއިން 466 މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ލަންޑަނުގެ ފުލުހުން ބުނީ، ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން އަށް މީހަކީ މުޒާހަރާއާ ގުޅުން ނެތް އެހެން ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ބަޔެއް ކަމުގައެވެ. އަދި، ފުލުހުންނަށް ޙަމަލާ ދިނުމުގެ ކުށުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ އެކަކަށް އަނިޔާވިއެވެ.
ޕަލަސްޓަޔިން އެކްޝަނަށް ތާޢީދުކުރުމަކީ މިހާރު އިނގިރޭސިވިލާތުގައި ކުށެކެވެ. އަދި، އެ ޖަމުޢިއްޔާގެ މެންބަރަކަށް ވުމަކީ، 14 އަހަރުގެ ޖަލު ޙުކުމަކާ ކުރިމަތިލާން ޖެހޭނެ ކުށެކެވެ. އެ ޖަމުޢިއްޔާ މަނާ ކުރުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމާ ދެކޮޅަށް ޝަރިޢަތަށް މައްސަލައެއް ހުށަހެޅުމަށް އެ ޖަމުޢިއްޔާގެ ބާނީން ދަނީ މަސައްކަތް ކުރަމުންނެވެ.