އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ސްކޮލަރޝިޕް ދީފިއެވެ.
ސްކޮލަރޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢުއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ސްކޮލަރޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވަރސިޓީ އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. މި ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
ޖުމްލަ 15 ސްކޮލަރޝިޕްގެ ތެރެއިން 5 ސްކޮލަރޝިޕަކީ ފުލީ ފަންޑެޑް ސްކޮލަރޝިޕެވެ. އަދި 10 ސްކޮލަރޝިޕަކީ ޕާޝަލް ފަންޑެޑް ސްކޮލަރޝިޕެވެ.
އެގްޒެކެޓިވް މާސްޓަރސް އިން އިސްލާމިކް ފައިނޭންސްއަކީ މި ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީޢާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ ޢިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. މިއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑަރޝިޕް ހުނަރުތައް އިތުރުކުރުމާއި، އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމަޢުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެ.
އެމްއެމްއޭގެ އިން ހާމަކުރާގޮތުގައި މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.