ޚަބަރު

އިސް ދަނޑުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމްރީނު ކުރަން ފަށައިފި


  • 18 ދަނޑުވެރިން ބައިވެރިވާނެ

  • މި ޕްރޮގްރާމް ކުރިއަށް ގެންދަނީ 2 ބުރަކަށް ބަހާލައިގެން

ގްރީންހައުސް އަޅައިގެން ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ރަށްރަށުގައި ލީޑް ފާމަރުން ނުވަތަ އިސް ދަނޑުވެރިންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޮވައި، ތަމްރީނު ޕްރޮގްރާމެއް ފަށާފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ފެށި މިޕްރޮގްރާމަކީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް، އިފާޑްއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ކުރިއަށްގެންދަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ 18 ދަނޑުވެރިންނާއި އެވުޒާރާގެ ފީލްޑް މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 28 ބައިވެރިންނާއެކު ކުރިއަށްދާ މިތަމްރީން ކުރިއަށްދާނީ ދެބުރަކަށް ބަހާލެވިގެންކަމަށެވެ. އެގޮތުން ފުރަތަމަބުރު ކުރިއަށްދާނީ އޮގަސްޓްމަހުގެ 10 އިން 17 އަށް ކަމަށާއި، ދެވަނަބުރު ކުރިއަށްދާނީ 25 އޮގަސްޓުން 30 އޮގަސްޓްގެ ނިއަލަށް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އިސް ދަނޑުވެރިންގެ ގޮތުގަި ހަރަކާތްތެރިވާނެ މީހުން ތަމްރީނު ކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އައިއެފްއެފް މެންބަރުން އަޅާ ގްރީންހައުސްގައި ގަސް ހައްދާއިރު އަދި ބިމުގައި ގަސްހައްދާއިރު ދަނޑުވެރިން ކަންކަންކުރަނީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ރަނގަޅު އުޞޫލްތަކާ އެއްގޮތަށްކަން ޔަގީންކުރުންކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން ތައްޔާރުކޮށްފައިވާ ކްރޮޕް ކަލަންޑަރުގައި ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ޔަގީންކުރުމާއި ހަދާފައިވާ ޗެކްލިސްޓްގައި ހިމެނޭކަންކަން ގަވާއިދުން ބަލަހައްޓަމުން ގެންދާކަން ޔަގީންކުރުން ހިމެނޭކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި އެގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށްދީ، ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ އެކްސްޓެންޝަން ސްޓާފުންގެ ލަފަޔާއެކު އެކަން ރަނގަޅު ކުރުމަށް ހިތްވަރުދީ އައިއެފްއެފް މެމްބަރުންނާއެކު ދަނޑު ބެލެހެއްޓުމުގައި ނުވަތަ ގްރީންހައުސްގެ މަސައްކަތްތަކުގައި އެހީތެރިވުން ހިމެނޭކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ތަޢާރަފްކުރުމުގެ ގޮތުން އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް މިހާރު ވަނީ ޤާއިމްކޮށްފައެވެ.