ޚަބަރު

ރައީސް ދެއްވީ ތުޅާދޫ ކައުންސިލްގެ ކަންބޮޑުވުންތައް ބައްލަވާނެކަމުގެ ޔަޤީންކަން


  • ތުޅާދޫއަކީ މިހާރު ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން 6 ވަނަ ރަށް

  • ތުޅާދޫ ކައުންސިލްގެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވި

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ތުޅާދޫ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުން ދަތުރު ދާނެ ރަށެއް ހޯދުމާއި، ނެރު ފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުން އަވަސްކޮށްދެއްވުން ހިމެނެއެވެ. އަދި ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި ރަށު އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ނުލިބުމާއި، ރަށުގެ ކޯޓު އިމާރާތުގެ މަސައްކަތް ލަސްވެފައިވާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އެ ރަށުގައި ހޭންޑް ބޯލް ކޯޓެއް ގާއިމުކޮށްދެއްވުމަށް މެންބަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށު ސްކޫލަށް ބޭނުންވާ މަރާމާތާއި އިދާރީ މުވައްޒަފުން ހޯއްދަވައިދެއްވުމާއި، ތުޅާދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯއްދަވައިދެއްވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.