ޚަބަރު

މާޒިޔާ ބަލިކޮށް އަލް އަރަބީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް


އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ އެންޑް ރެކްރިއޭޝަނާ ކުލަބާއި ކުވެއިތުގެ އަލް އަރަބީ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކުވެއިތުގެ އަލް އަރަބީއިން ކާމިޔާބުކޮށްފިއެވެ.

ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްދިޔަ މިމެޗު ފެށުމާއެކު އަލްއަރަބީއިން މާޒިޔާގެ ގޯލަށް ނުރައްކާ ކުރަންފަށާ ދެވަނަ މިނިޓުގެ ތެރޭގައި ވަނީ ގޯލެއްޖަހާ ލީޑު ނަގާފައެވެ. މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އަލް އަރަބީގެ އަނާޔޯ އިވުއާލާއެވެ.

ކުވައިތުގެ ޕްރިމިއަރ ލީގުގެ ތަނަރަޕްކަން ހޯދާފައިވާ އަލް އަރަބީން މިމެޗުގަ އެޓޭކިންގއަށް ސަމާލުކަންދީގެން ކުޅެފަވާއިރު، އެޓީމުގެ ފަރާތުން ފެނިފަވަނީ ހަމަޖެހިލައިގެން ތިބެ ކުޅުނުތަނެވެ. އެހެންނަމަވެސް މާޒިޔާއިންވެސްވަނީ ހިތްވަރާއެކު ނުކުމެ މެޗުގެ ނަތީޖާ އެއްވަރު ކުރެވޭތޯ މަސައްކަތްކޮށްފައެވެ.

އެހެންނަމަވެސް މެޗުގެ 40 ވަނަ މިނިޓުގައި އަލްއަރަބީގެ ކްރިސްޓޮފާ ޕޮވެއި ޖެހި ލަނޑާއެކު ނަތީޖާ 2-0 އަށް ބަދަލުވެ، މާޒިޔާއަށް ޕްރެޝަރު އިތުރުވެގެން ދިޔަތަން ފެނުނެވެ.

މިމެޗުގެ ފުރަތަމަ ހާފު ކުވައިތުގެ އަލް އަމީރު ކަޕު 11 ފަހަރު ކާމިޔާބުކޮށްފަވާ އަލް އަރަބީއިން ނިންމާލާފައިވަނީ 2-0ގެ ނަތީޖާއަކުން ހޯދި ލީޑާއެކުއެވެ.

ދެވަނަ ހާފާއެކު މާޒިޔާއިން ކުޅުން ރަނގަޅުކުރިތަން ފެނުނެވެ. އެހެންނަމަވެސް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށް އަލް އަރަބީއިން މެޗުގެ 53 ވަނަ މިނިޓުގެ ތެރޭގައި ވަނީ ހަމަޖެހިލާފައެވެ

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ކްރިސްޓޮފާއެވެ.

86 ވަނަ މިނިޓުގެ ތެރޭގައި ހުސައިން އަލް މުހްސިން ޖެހި ލަނޑާއެކު 4-0 އިން ކުރި ހޯދާ އަލް އަރަބީ ވަނީ މިމެޗު ކާމިޔާބުކޮށްފައެވެ.