މެޗުން ބަލިވުމުގައި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުވައިތުގެ އަލް އަރަބިއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ހެނާންޑޭޒް ބުނީ އެ މެޗުން މާޒިޔާ ބަލިވުމުގައި ގިނަ ސަބަބުތަކެއް އެބަހުރިކަމަށާ އޭގެ ތެރޭގައި ޓީމުގެ ބަޖެޓުގެ ދަތިކަމާއި، ކުޅުންތެރިންގެ ތަޖުރިބާމަދުވުން ހިމެނޭކަމަށެވެ.
އެމެޗުން ލިބުނު ތަޖުރިބާގެ އަލީގައި މާޒިޔާގެ ކުޅުން އިތުރަށް ރަނގަޅުކުރަންޖެހޭކަން ފާހަގަކުރަމުން އޭނާބުނީ ޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަކުރަންވެއްޖެކަމަށެވެ.
"ބަލާލީމަވެސް އެބަ އެނގޭ ބަޖެޓުގެ ގޮތުން ދެ ޓީމުގެ ފަރަގުގެ ތަފާތު، ކުޅުންތެރިންނަށް ބަލާއިރުވެސް އެއީ، ގިނަދުވަހު ކުޅެ ތަޖުރިބާތައް ގިނަ ބައެއް. އެޓީމުގެ ކުޅުން ފެނިގެންގޮސްފި. ދެން އަހަރުމެންނަށް އޮތްގޮތަކީ މާޒިޔާގެ ކުޅުން ރަނގަޅުކުރުން. ވަކިން ޚާއްސަކޮށް ޑިފެންސް އެބަޖެހޭ ވަރުގަދަކުރަން. އެއީ ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް" ކޯޗު ބުންޏެވެ.
ކޯޗު ބުނީ އެމެޗުގައި އެންމެ އެކަށީގެންވާ ވަރަށް ކުޅުންތެރިންނަށް ފޯކަސް ނުކުރެވުނުކަމަށެވެ. އަދި މާޒިޔާގެ ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވުމަކީވެސް މެޗުގެ ނަތީޖާ އެގޮތަށް ނުކުތުމަށް ދިމާވި ސަބަބެއްކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމުން ޓީމު ތައްޔާރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވިކަމަށް މީގެ ކުރިންވެސް ކޯޗު ބުނެފަވެއެވެ. އަލްއަރަބީއާ ދެކޮޅަށް ކުޅުމަށް މާޒިޔާއިން ޖުލައިމަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށި ނަމަވެސް ބައެއް ކުޅުންތެރިންނަށް ފަތިތަކުރުންތަކުގައި ބައިވެރިވެވުނީލަހުންކަމަށްވެސް ކޯޗު ފާހަގަކޮށްފަވައެވެ.