ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14500އަށްވުރެ ގިނަ މީހުން، ގިނައީ ފިރިހެނުން


  • މި ދަފްތަރުގައި 8 ގިއްތިއެއް ހިމެނޭ

  • މި ދަފްތަރުގައި 6095 އަންހެނުންނާއި 8471 ފިރިހެނުން އެބަތިބި

  • ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14500އަށްވުރެ ގިނަ މީހުން ރަޖިއްޓްރީކޮށްފައިވާކަމަށާއި އޭގެ ތެރެއިން ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ދަފްތަރުގައި 6095 އަންހެނުންނާއި 8471 ފިރިހެނުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14566 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 8 ގިއްތިއެއް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މިބައިގައި 4147 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1831 އަންހެނުންނާއި 2316 ފިރިހެނުން ހިމެނެއެވެ.

މަލްޓިޕަލް ޑިސްއެބްލިޓީ ހުރެގެން 3273 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 1158 އަންހެނުންނާއި 2115 ފިރިހެހުންނެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1889 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 819 އަންހެނުންނާއި 1070 ފިރިހެނުން ހިމެނެއެވެ.

ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1854 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރޭގައި 743 އަންހެނުންނާއި 1111 ފިރިހެނުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 1756 ފަރާތެއް ހިމެނޭއިރު މީގެ ތެރޭގައި 930 އަންހެނުންނާއި 826 ފިރިހެނުން ހިމެނެއެވެ. އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 472 އަންހެނުންނާއި 534 ފިރިހެނުން ރަޖިސްޓްރީކޮށްފައިވާއިރު އެއީ ޖުމްލަ 1006 ފަރާތެކެވެ.

އޯޓިޒަމް ހުރެގެން ޖުމްލަ 585 ފަރާތެއް ރަޖިސްޓްރީ ވެފައިވާއިރު މީގެ ތެރޭގައި 123 އަންހެނުންނާއި 462 ފިރިހެނުން ހިމެނެއެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 19 އަންހެނުންނާއި 37 ފިރިހެނުން ޖުމްލަ 56 ފަރާތެއް ވަނީ ނުކުޅެދުންތެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ އެދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިދަފްތަރުގައި ހިމެނޭ މަޢުލޫމާތުގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ބޭނުންވާ އެހީތެރިކަން އެނގޭނެހެން ޑޭޓާބޭސް އެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާކަންވެސް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2011ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދޭން ވަނީ ފަށާފައެވެ. އަދި 2023 ވަނައަހަރު ވަނީ އެފަރާތްތަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފައެވެ.