ޚަބަރު

ގައުމީ އެތުލެޓިކްސް މުބާރާތް: ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު ޝައިމް އައުކޮށްފި


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދާ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް އަންހެނުންގެ ލޯންގް ޖަމްޕް އިވެންޓުގެ ގައުމީ ރިކޯޑު އައިޝަތު ޝައިމް އަޒީޒް އައުކޮށްފިއެވެ.

މީގެ ކުރިންވެސް މި ރިކޯޑު އޮންނަ ޝައިމް މި މުބާރާތުގައި ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު އައުކުރީ 5.24 މީޓަރު ދުރަށް ފުންމައިގެންނެވެ. މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި ޝައިމްވަނީ 5.20 މީޓަރު ދުރަށް ފުންމައިގެން އޭރުގެ ރިކޯޑް އައުކޮށްފައެވެ.

އައްޑޫ ސިޓީން ގައުމީ މުބާރާތަށް ތައްޔާރުވެގެން އައި ޝައިމް މި މުބާރާތުގައި ވާދަކުރީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ފަރާތުންނެވެ. ޝައިމް ބުނީ މުބާރާތަށް އައީ ލޯންގް ޖަމްޕް އަދި ހައި ޖަމްޕުގެ ރިކޯޑުވެސް އައުކުރަން ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

އެހެންނަމަވެސް ހައި ޖަމްޕުގެ ރިކޯޑް އައު ނުކުރެވުނު ކަމަށާއި، އިއްޔެގެ އިވެންޓްތަކަށްފަހު އަރާމުކުރުމެއް ނެތި ރިކަވަރީއަށް ވަގުތު ނުލިބުމުގެ ސަބަބުން މިއަދު އުއްމީދު ކުރިވަރަށް ނުފުންމުނު ކަމަށްވެސް އޭނާ ބުންޏެވެ. އެހެންނަމަވެސް ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު އައުކުރެވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ޝައިމް ފާހަގަކުރިއެވެ.

ޝައިމް ބުނީ ރަށުގައި ހައި ޖަމްޕް ބެޑެއް ނުހުންނާތީ އެންމެ އެކަށީގެންވާ ގޮތަށް ފަރިތަނުކުރެވޭ ކަމަށާއި، އެހެންނަމަވެސް ލޯންގް ޖަމްޕަށް ރަށުގައި ހިތްހަމަޖެހޭ ވަރަށް ފަރިތަކުރެވުނު ކަމަށެވެ.

ހުކުރު ދުވަހު ހަވީރު ކުރިއަށްދިޔަ ލޯންގް ޖަމްޕްގެ ފައިނަލްގައި ވާދަކުރި އެތުލީޓުންގެ ތެރެއިން ދެވަނަ ހޯދީ 5.10 މީޓަރު ދުރަށް ފުންމައިގެން ކަސްޓަމް ރެކްރިއޭޝަން ކުލަބު އައިޝަތު ޝަބާ ސަލީމެވެ. ތިންވަނަ ހޯދީ 4.56 މީޓަރު ދުރަށް ފުންމައިގެން ސްޕޯޓްސް ޗެމްޕްސް އެސޯސިއޭޝަން ފޯ ރެޕިޑް ޑިވެލޮޕްމަންޓްގެ އައިޝަތު އަދުފާ ރަޝީދެވެ.