ޚަބަރު

ޣައްޒާގެ ރައްޔިތުން ދެކުނު ސޫދާނުގައި ވަޒަންވެރިކުރުވަން ޔަހޫދީންގެ ހީލަތްތެރި ރޭވުމެއް


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ދެކުނު ސޫދާނުގައި ވަޒަންވެރިކުރުވުމަށް ޔަހޫދީން އެ ޤައުމާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.

ކަމާބެހޭ މަޢުލޫމާތު އެނގޭ ތިން މަސްދަރަކުން ބުނީ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަ ވެސް އަދި މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާ ކަމަށެވެ.

ދެކުނު ސޫދާނަކީ ސިޔާސީ އަދި ނަސްލީ އަރައިރުންތަކުގެ ސަބަބުން ހަމަޖެހުން ގެއްލި ހަލަބޮލިކަން އުފެދިފައިވާ އޮންނަތާ އެތައް އަހަރެއްވެފައިވާ ޤައުމެކެވެ. އެނގިފައިވާ ގޮތުގައި މި ޚިޔާލު ފުރަތަމަ ހުށަހަޅާފައި ވަނީ ދެކުނު ސޫދާންގެ ޚާރިޖީ ވަޒީރު، މަންޑޭ ސެމާޔާ ކުންބާ، މިދިޔަ މަހުގެ ތެރޭގައި ޔަހޫދީ ދައުލަތަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. ޔަހޫދީންގެ ރޭވުމުގެ ދަށުން، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވަނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔުތިން އެ ޤައުމަށް ގެންގޮސް، އެ ޤައުމުގައި ވަޒަންވެރިކުރުވާނެއެވެ.

ނަމަވެސް މި ރޭވުން ބަލައި ނުގަންނާނެ ކަމަށް ފަލަސްޠީނުގެ އިސްވެރިން ދަނީ ބުނަމުންނެވެ. މި ފަދަ ނިންމުމެއް ނިންމައިފި ނަމަ އެއީ 1948ވަނަ އަހަރު ފަލަސްޠީނުގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރި ނަކްބާއާ އެއްފަދަ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ވަނީ ސިފަކުރައްވައިފައެވެ.

ދެކުނު ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.