ޚަބަރު

އިންސާނީ ހައްޤުތަކުގެ އިޤްރާރެއްގައި 5 ކުންފުނިން ސޮއިކޮށްފި


އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރުމުގެ އިޤްރާރެއްގައި 5 ކުންފުންޏަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސާއެކު ސޮއިކުރައްވައިފިއެވެ.

މި އިޤްރާރުގައި ސޮއިކުރައްވާފައިވަނީ ދިރާގު، އުރީދޫ، އެސްޓީއޯ އަދި ސްޓެލްކޯއާއި އެމްޓީސީސީންނެވެ. އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރުމުގެ އިޤްރާރަކީ ވިޔަފާރި ކުންފުނިތަކުން އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުުރާ ގޮތަކަށް ވިޔަފާރީގެ އެންމެހާ މުޢާމަލާތްތައް ހިންގުމަށް އެއްބަސްވެ ސޮއިކޮށްފައިވާ އިޤްރާރެކެވެ. މި އިޤްރާރު އެކުލަވާލައިފައިވާފައި ވަނީ އިންސާނީ ހައްޤުތަކާއި ވިޔަފާރިއާއި ގުޅުން ހުރި އަސާސްތަކެއްގެ މައްޗަށް ކަމަށް އެޗްއާރުސީއެމުން މަޢުލޫމާތުދެއެވެ. މިގޮތުން އިންސާނީ ޙައްޤުތަކާއި، މަސައްކަތްތެރިންނާއި، ތިމާވެއްޓާއި، އެންޓިކޮރަޕްޝަނާ ގުޅުންހުރި ކަންކަން ހިމެނިފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

މިއީ އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރާ ސަޤާފަތެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނިތަކަށް އަމާޒުކޮށްގެން، ކުންފުނިތަކުގައި އިންސާނީ ހައްޤުތަކަށް އިޚްތިރާމްކުރުމުގެ ސަޤާފަތެއް އުއްފެއްދެވުމަށް ވެވުނު ފުރަތަމަ އިޤްރާރެވެ. އިޤްރާރުގައި ސޮއިކުރެއްވުމަށްފަހު މި ކުންފުނިތަކުން ވަނީ، އެކުންފުނިތަކުގެ މަސައްކަތްތަކާއި ގުޅުވައިގެންް އަމަލު ކުރައްވާނެގޮތްވެސް ހާމަކޮށްފައެވެ.

"ކުންފުންޏެއްގޮތަށް މަސައްކަތްކުރާއިރު، މިފަދަ މަޢުލޫމާތު އިތުރަށް ފަތުރާ އިތުރަށް މީހުންނަށް އަންގަދީ، މުވައްޒަފުންނަށް އަންގަދީ މިކަންތައް ކުރުމަކީ އަޅުގަނޑަށް ހީވަނީ މިފަދަ އިނިޝޭޓިވްއެއް މުހިންމުވާ އެއް ސަބަބުހެން" ދިރާގުގެ ޑިރެކްޓަރ ޢަލީ ރިޔާޒު ވިދާޅުވިއެވެ.

"ހިއުމަން ރައިޓްސްގެ އިސްނެންގެވުމުގެ މަތިން އަޅުގަނޑު އުންމީދުކުރަނީ މި އިޤުރާރުގައި ސޮއިކުރެވުނު ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ހިއުމަން ރައިޓްސް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި މި ދާއިރާއިން ރަނގަޅު ޚިދުމަތްތަކެއް ކުރެވިގެންދާނެ ކަމަށް" އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު ޙިލްމީ ވިދާޅުވިއެވެ.

"ހިއުމަން ރައިޓްސް އަކީ އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ތާއިދުކުރާ އަދި އެކަމުގައި ފަށައިގަތުމަށް ކުންފުނީގެ މުވައްޒަފުންނާއި އަދި އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކީގައި ފޯރުކޮށްދެމުން ގެންދާ ޚިދުމަތެއް" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްޝުކޫރު ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޯޕަރޭޓް ގަވަރނާސްގައި މީ ވަރަށް މުހިންމު ފީޗާއެއް ހުރިހާ ސްޓޭކްހޯލްޑާސްގެ ރައިޓްސް ޕުރޮޓެކްޓް ކޮށްދިނުމުން. އެގޮތުން އަޅުގަނޑުމެން އެސްޓީއޯއިންވެސް ޤަބޫލުކުރާގޮތުގައި ކުންފުނީގެ އެންމެ މުހިންމު ރޯލެއް އަދާކުރާ މީހުންނަނީ މުވައްޒަފުން." އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްއާރުސީއެމްގެ ރައިސާ ފާތިމަތު އީނާސް ވިދާޅުވީ މި މަސައްކަތް ފެއްޓެވުމުވެ ގޮތުން މި 5 ކުންފުންޏާއެކު ސޮއިކުރެއްވީ މި ކުންފުނިތަކަކީ ވިޔަފާރިއާ ގުޅުންހުރި އަދި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ކުންފުނިތަކަށް ވުމުން ކަމަށެވެ.

"އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރައްވާއިރު މީ ހަމައެކަނި އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރޭގައި މަސައްކަތްކުރާ ކޮމްޕެނީގެ މުވައްޒަފުންގެ އިތުރުން އަޅުގަނޑުމެންގެ މުޖްތަމަޢުތެރޭގައި އެހީތެރިކަން ބޭނުންވާ ނުވަތަ ސަރވިސްއެއް ހޯދުމަށް ނުވަތަ ބަލައިގަންނަން އަންނަ ފަރާތްތަކަށް ހައްޤުތަކަކީވެސް އީކުވަލީ ވަރަށް މުހިންމު ބައެއް އެހެންކަމުން އަޅުގަނޑުންމެންގެ މަސައްކަތުގެ ތެރޭގައި ކުރިޔަށް ރާވާލާފައި އޮންނާނެ އެބައިތައްވެސް" އެޗްއާރުސީއެމްގެ ރައީސާ ފާތިމަތު އީނާސް ވިދާޅުވިއެވެ.

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑްވިސް އިން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު މުވައްސަސާތަކާއެކު މި އިޤުރާރުގައި ސޮއިކުރާނެ ކަމަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން މި ކުރައްވާ މަސައްކަތުގެ ސަބަބުން ކުންފުނިތަކާ މެދު ކަސްޓަމަރުން ދެކޭގޮތް ބަދަލުވެގެންދާނެ ކަމަށެވެ.