އެތުލެޓިކްސްގެ ކުރިއަށް ހުރި މުބާރާތްތަކުގައި ކާމިޔާބު ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި އެއީ ވާނެ ކަމެއްކަމަށް މިހާރު ގަބޫލުކުރާ ކަމަށް ނިމިގެންދިޔަ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް، ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޝައިމް އަޒީޒް ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަދައްކަމުން ޝައިމް ބުނީ އަބަދުވެސް އުންމީދަކީ ގައުމީ މުބާރާތުން އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދުން ކަމަށާއި މިއަހަރު މުބާރާތާ ކުރިމަތިލީ ވެސް އެ އަޒުމުގައި ކަމަށެވެ.
މި ފަހަރުގެ ގައުމީ މުބާރާތުގައި ޝައިމް ތިން ރަން މެޑަލްގެ އިތުރުން ގައުމީ ރެކޯޑަކާއި މީޓް ރެކޯޑެއް ހެދި އެވެ. ތިން ރަން މެޑަލް ހޯދީ، އަންހެނުންގެ ޖެވަލިން އުކުމާއި ހައި ޖަމްޕް އަދި ލޯންގް ޖަމްޕް އިވެންޓުންނެވެ.
" މި ފަހަރު ވަރަށް މަސައްކަތް ކުރިން ދެ އިވެންޓުން ގޯލްޑް ނަގައިގެން ބެސްޓް އެތުލީޓް މަގާމް ހޯދަން، އެކަމަކު ހައިޖަމްޕް އިން ކުޑަތަންކޮޅެއް ދަށްވެގެން ބިރުން އިނީ ނުލިބިދާނެތީ." ޝައިމް ބުންޏެވެ.
ޝައިމް ބުނީ މިފަހަރު ލޯންގްޖަމްޕްގައި ވާދަކުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން ވަރަށް އުންމީދާ އެކު ކަމަށެވެ. ހުސްވި އަހަރާއި އަޅާބަލާއިރު ލޯންގްޖަމްޕް ގައި ޝައިމްއަށް އެހާ ރަނގަޅަށް ތައްޔާރު ނުވެވުނަސް މުބާރާތުގައި ޓާގެޓް ކުރީ ވިހާވެސް ކުރިއަށް ޖެހިލަން ކަމަށް އައްޑޫ ސިޓީން ގައުމީ މުބާރާތަށް އައި އެތުލީޓު ބުންޏެވެ.
ހުސްވިއަހަރާ އަޅާބަލާއިރު މިއަހަރު މުބާރާތުގައި ދެއްކުނު ޕާފޯމަންސް ރަނގަޅު ނަމަވެސް އެންމެ ބޭނުންވި ވަރަށް ޕާފޯމް ނުކުރެވުނުކަން ޝައިމް ފާހަގަކުރިއެވެ.
"މިދިޔަ އަހަރު ޕާޕޯމަންސާ ބަލާފަ މިއަހަރުގެ ޕާފޯމަންސާ މެދު ވަރަށް ހިތްހަމަޖެހޭ، މިދިޔަ އަހަރަށް ވުރެން ހައިޖަމްޕް އާއި ލޯންގް ޖަންޕް ވެސް އިންޕްރޫވް ވެގެންދިޔަ" ޝައިމް ބުންޏެވެ.
ޝައިމް ބުނީ އުއްމީދަކީ ކުރިއަށް ހުރި މުބާރާތްތަކުގައި ލޯންގްޖަމްޕް އަދި ހައިޖަމްޕްގެ ރެކޯޑު އައު ކުރުންކަމަށެވެ.
ޝައިމް ބުނީ މިފަހަރުގެ މި ކާމިޔާބާއެކު ބޭނުންވަނީ ވީއެންމެ ބޮޑަކަށް ރިކޯޑުތައް އައު ކުރުން ކަމަށެވެ. ބޭނުންވަނީ ވާދަވެރި އެތުލީޓުންނަށް މުގުރާ ނުލެވޭ ވަރަށް ރެކޯޑުތައް އައު ކުރުން ކަމަށް ޝައިމް ބުނިއެވެ. އެކަން ކުރަން ކުރިއަށް ހުރި މުބާރާތްތަކާ މެދު އުންމީދު ބޮޑު ކަމަށް ވެސް ޝައިމް ވަނީ ބުނެފައެވެ.