ކުޅިވަރު

ބުރަކި އުކުމުގައި ބާބަރްގެ ބެޓިން ރަނގަޅުކުރަން އަންގައިފި


ބުރަކި އުކުމުގައި ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ބާބަރް އަޒަމްގެ ބެޓިން ރަނގަޅުކުރަން އޭނާއަށް އެ ގައުމުގެ ކްރިކެޓް ބޯޑުން އަންގައިފިއެވެ.

މިއީ ކުރިއަށް އޮތް އޭޝިއާ ކަޕަށް ދާ ޓީމުގައި ކުޅެން ބޭނުންވާނަމަ އޭނާއަށް މިހާރު އޮތް ޓާގެޓެވެ.
ކޯޗު މައިކް ހެންސަން ބުނީ އޭޝިއާ ކަޕް ޓީ20 މުބާރާތުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ދެވޭނީ ބެޓިން ރަނގަޅު ކޮށްފިނަމަ ކަމަށެވެ.

ބާބަރް އެންމެ ފަހުން ޓީ20 ފޯމެޓްގައި ބެޓްކޮށްފައިވަނީ ހުސްވި އަހަރު ދެކުނު އެފްރިކާއާ ދެކޮޅަށެވެ. އޭގެ ފަހުން އޭނާ ކުޅެފައިވަނީ އެހެން ފޯމެޓްތަކުގެ މެޗުތަކުގަ އެވެ. މިހެންވެ 30 އަހަރުގެ ކުޅުންތެރިޔާ އަށް ޕާކިސްތާނުގެ ގައުމީ ޓީމުން އަދި ޖާގަ ވަނީ ކަށަވަރު ނުކުރެވި އެވެ. ސަބަބަކީ ޝަހިބްޒާދާ ފަރްހާން ފަދަ ކުޅުންތެރިންގެ ބެޓިން ރަނގަޅުވުމެވެ.

"ޝައްކެތްނެތް އޭނާ އަށް ވަނީ ބެޓިންގެ ބައެއް ކަންކަން ރަނގަޅު ކުރަން އަންގާފައި. އޭނާގެ ބެޓިން ރޭޓް ގޯހެއްނޫން. އެކަމަކު ބައެއް އޭރިޔާތަކުގައި އޭނާ ބެޓްކުރާ ގޮތް ރަނގަޅު ކުރަންޖެހޭ. އޭނާ ދަނީ އެކަންކަން ރަނގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އެކަމަކު މިވަގުތު ޓީމުން ޖާގަ ދީފައި ތިބި ކުޅުންތެރިންނަކީ ބާބަރަށްވުރެ ރަނގަޅަށް ކުޅޭ ކުޅުންތެރިން. މިސާލަކަށް ޝަހިބްޒާދާ ވަނީ ހަ މެޗު ކުޅެ ތިން މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދާފައި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޓީ20 ފޯމެޓުގައި ބެޓިން ރަނގަޅު ކުރުމަށް ބާބަރަށް އެންމެ ރަނގަޅުވާނީ ދުވަސްކޮޅަކު އޮސްޓްރޭލިޔާގެ މުބާރާތްތަކުގައި ކުޅުން ކަމަށެވެ.

އޭޝިއާ ކަޕުގައި ޕާކިސްތާން ކުޅެން ޖެހެ ފުރަތަމަ މެޗު އޮންނާނީ އޮމާނާ ދެކޮޅަށް ދުބާއީގައެވެ. އެންމެ ބޮޑު ވާދަވެރިޔާ އިންޑިއާއާ ދެކޮޅަށް ކުޅޭނީ އޭގެ ދެ ދުވަސް ފަހުންނެވެ.