ކުޅިވަރު

އަންޗެލޮޓީ ނިންމީ ބްރެޒިލް ޓީމަށް ވިނީޝިއުސް ނުނަގަން


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލް މެޑްރިޑުގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ޓީމަށް ނުނަގަން ބްރެޒިލްއިން ނިންމައިފިއެވެ.

މި ގޮތަށް ނިންމީ ރެއާލް މެޑްރިޑުގައި ވިނީޝިއުސްއަށް ކޯޗުކޮށްދިން، މިހާރު ބްރެޒިލްގެ ގައުމީ ކޯޗު ކާލޯ އަންޗެލޮޓީއެވެ.

އޭނާ މި ގޮތަށް ނިންމީ ބްރެޒިލްއިން ސެޕްޓެމްބަރު މަހުގެ ފަހެއްގައި ޗިލީއާ ދެކޮޅަށް ކުޅޭ މެޗުގައި ވިނީޝިއުސްއަށް ނުކުޅެވޭތީ އެވެ. މި މެޗަށް އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

އަންޗެލޮޓީ ބުނީ ޗިލީ މެޗުގައި ނުޅެވޭއިރު އޭގެ ހަތަރު ދުވަސް ފަހުން ބޮލީވިއާއާ ދެކޮޅަށް ވިނީޝިއުސް ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ. ސަބަބަކީ ސްޕެއިނުން ފުރައިގެން ބްރެޒިލްއަށް އައިސް، ބޮލީވިއާއަށް އައުމަށް ދިގު ދަތުރެއް ކުރަން ޖެހުމެވެ.

"އެއަށްވުރެ ރަނގަޅު ވާނީ ސްޕޭނުގައި އޭނާ އަރާމު ކުރުން. މި ވަގުތު އަހަރެން މި ފުރުސަތުގެ ބޭނުން ހިފާނީ އެހެން ކުޅުންތެރިން ޓެސްޓް ކޮށްލަން. ވިނީ އަކީ މި ޓީމުގެ އެންމެ މުހިންމު ފޯވަޑް. ޕްރޫވަން ކުޅުންތެރިއެއް. އޭނާ ކޮންމެހެން ދަތި ވަގުތުތަކުގައި ބޭނުމެއްނެތި ބުރަ އުފުލަން ގެނައުމުގެ ބޭނުމެއްނެތް،" އަންޗެލޮޓީ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ 16 މެޗުން 25 ޕޮއިންޓާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ތިންވަނައިގައެވެ.