ޚަބަރު

ތިން ހަފްތާ ތެރޭގައި ބ. އަތޮޅު އާރްޓީއެލް ފެރީގެ ޚިދުމަތް 1522 މީހުން ހޯދައިފި


  • ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށީ މިމަހު 11ގައި

  • މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް ފެރީ

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ފެށިފަހުން ފާއިތުވި 3 ހަފްތާ ތެރޭގައި 1000އަށް ވުރެއް ގިނަ މީހުން މި ޙިދުމަތް ހޯދާފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވަނީ ބ. އަތޮޅު އާރްޓީއެލް ފެރީގެ ޙިދުމަތާ ގުޅޭ ތަފާސްހިސާބު ހިއްސާކޮށްފައެވެ.

ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ މާޅޮސްމަޑުލުގެ ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 11 ވަނަ ދުވަހު އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައިއެވެ.

މި ދަތުރުތައް ރަސްމީކޮށް ފެށުމުގެ ކުރިން މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް ދަތުރުތައް ވަނީ ފަށާފައެެވެ. އެގޮތުން އެދުވަހުން ފެށިގެން މިއަދާހަމައަށް ބ. އަތޮޅު އާރްޓީއެލްގެ ފެރީގެ ޚިދުމަތް ހޯދި ފަރާއްތަކުގެ ތަފާސްހިސާބުތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުލައި 28 އިން ފެށިގެން 3 އޮގަސްޓާއި ހަމައަށް 451 ފަރާތް ޚިދުމަތް ހޯދާފައިވާއިރު 4 އޮގަސްޓުން ފެށިގެން 17 އޮގަސްޓާއި ހަމައަށް 1071 ފަރާއްވަނީ ޙިދުމަތް ހޯދާފައެވެ. ފާއިތުވި 3 ހަފްތާގައި ޖުމްލަ 1522 ފަރާތުންވަނީ ޚިދުމަތް ހޯދާފައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ބ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، މި ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.

އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދިޔައީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. އެ ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގައެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.