ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބައޯމެޓްރިކްސް ނަގަން ފަށާފައިވަނީ 2 މޭ 2024ގައެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މާލެ ސަރަހައްދާއި ބައެއް ސިނާޢީ މަސައްކަތް ކުރާ ތަންތަނުގެ އިތުރަށް ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ރަށްރަށުގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު ނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރެއްވި މަަޢުލޫމާތަށް ބަލާއިރު މިހާތަނަށް 174،152 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސްވަނީ އަދާހަމަކޮށްފައެވެ. މި މަޢުލޫމާތުތައް އެއްކުރުމުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން 2 ވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ބިދޭސީންގެ މަޢުލޫމާތުތައް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ޤަވާއިދުގެތެރެއަށް ވަނުމަށް އިތުރު ފުރުޞަތެއް ފަހިކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމު ހަރުދަނާކުރުންވެސް ހިމެނެއެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެ ވުޒާރާއިން އަންނަނީ ބަޔޯމެޓްރިކް އަދާހަމަކޮށްފައިނުވާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މީހުން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބިދޭސީން ގެންގުޅޭ 2498 މީހަކު ސިސްޓަމްގެ ތެރެއިން ބްލޮކް ކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކޮށްފައިވެއެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަނގީގެ އިތުރުން ތަފާތު ހަރަކާތްތައް ހޯމް ސެކްޓަރއިން ކުރިއަށްގެންދަނީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ. ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.