ޚަބަރު

ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްފި


  • ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށްފައިވޭ

  • 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅާފައިވޭ

  • ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް އިންސްޓޯލްކޮށްފައިވޭ

އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޚިދުމަތް އިފްތިތާޙްކޮށްދެއްވީ ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.

ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލްވަނީ އަޅާފައެވެ. މީގެއިތުރުން އާރުއޯ އިމާރާތަކާއި، ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް އިންސްޓޯލްކޮށް ފެންރައްކާކުރުމަށް 3 ތާނގީވެސް ވަނީ ބަހައްޓާފައެވެ. މިއިމާރާތް ޤާއިމްކޮށްފައިވަނީ ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލްއާއެކުއެވެ.

މީގެއިތުރުން، ބޯހޯލް ތޮރުފައި، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާ ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ފޯރުކޮށްދީފައިވެއެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.