އިބްރާޙިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓްގެ އާ ޓާމިނަލް ތަރައްޤީކުރުމަށް ބޭނުންވާ ލޯނު އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ކުވެއިތު ފަންޑް ފޯރ އެރެބް ޑިވެލޮޕްމެންޓާއިއެކު ސޮއިކުރައްވައިފިއެވެ.
މިއަދު ސްޓެލްކޯގައި ބޭއްވެވި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ފަންސާސް މިލިޔަން ޑޮލަރުގެ ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ތަރައްޤީކުރުމުގެ ލޯނު އެއްބަސްވުމަކީ އެއާރޕޯޓް ޓާމިނަލް ފައިނޭންސިންގ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ އެއާޕޯޓް ޓާރމިނަލް ތަރައްޤީކުރުމަށް ނަގާ މިލޯނަކީ ވިހި އަހަރުން ދައްކާ ނިންމާގޮތަށް ދޭ ލޯނެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުވޭތު ފަންޑަކީ މިވެތުވެދިޔަ ސާޅީހަކަށް އަހަރު ރާއްޖެއަށް ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތެއްކަމަށެވެ. މިނިސްޓަރ މުނައްވަރުގެ ވާހަކަފުޅުގައި ވަނީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ ޑިވެލޮޕްމެންޓްގެ ޕްރޮޖެކްޓު ރާއްޖެއަށް އެންމެ މުހިންމު އަދި އެންމެ އިސްކަންދޭ ބޮޑު ޕްރޮޖެކްޓްކަން ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާބެހޭ މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ކުވެއިތު ފަންޑުން ރާއްޖެއަށް މި ދިން ލޯނުން ވިޔަފާރިގެ ވެށި ކުރިޔަށްދާކަމަށާ، އަދި އިޤްތިޞާދު މަތީފަންތިއަކަށް ގެންދެވޭކަން އެބަދައްކައިދޭކަމަށެވެ.
މި އެއްބަސްވުމުގައި ކުވޭތު ފަންޑުގެ ފަރާތުން ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކުވޭތު ފަންޑުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ މި އެއާޕޯޓްގެ ޓާމިނަލް ތަރައްޤީކުރުމަށް ކުވޭތު ފަންޑުން ދޭ ލޯނު އެހީއަަކީ އެފަންޑުން އަރަބި ގައުމެއް ނޫން ޤައުމަކަށް ދޭ އެންމެ ބޮޑު ލޯނުކަމަށެވެ.