ޚަބަރު

ފުރަތަމަ މެޗުން ރެއާލްއަށް ހަނި މޮޅެއް


ސްޕެނިޝް ލީގުގެ އައު ސީޒަނުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ފަސްދޮޅަސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނި އެ ޓީމާއި އަލަށް ގުޅުނު އެލެކްޒެންޑަރ އާނޯލްޑް ވަނީ ލަލީގާގައި ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. އާނޯލްޑް ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގައި މީގެ ކުރިން ރެއާލް މެޑްރިޑަށް ހަތަރު މެޗު ކުޅެދީފަ އެވެ.

ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް މެޑްރިޑް އިން ލީގުގެ ފުރަތަމަ މެޗުގައި ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މި މެޗުގައި އޮސަސޫނާގެ ކީޕަރު ސާރޖިއޯ ހެރޭރާ ވަނީ މޮޅު ކުޅުމެއް ދައްކާ ރެއާލްގެ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގެ ފަހު ވަގުތު އޮސަސޫނާގެ އަބެލް ބްރެޓޯންސް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.