ޚަބަރު

ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކަށް


  • ރާއްޖެއަށް ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން އައިސްފައިވޭ

  • ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުން

އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,416,141 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,298,289 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1,039,352 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 309,490 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 37,282 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 29,018 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:

• ޗައިނާ - 218,268 ފަތުރުވެރިން
• ރަޝިއާ - 168,288 ފަތުރުވެރިން
• އިނގިރޭސިވިލާތް - 129,792 ފަތުރުވެރިން
• އިޓަލީވިލާތް - 102,053 ފަތުރުވެރިން
• ޖަރުމަނުވިލާތް - 97,534 ފަތުރުވެރިން

ގެސްޓުހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި މިވަގުތު އޮޕަރޭޓުކުރަމުންދަނީ 891 ގެސްޓްހައެވެ. 15,284 އެނދުގެ މި ކެޕޭސީޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޖުމްލަ އެނދުގެ 24 އިންސައްތައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.