ޚަބަރު

އައު ސީޒަނަށް އޮޑީގެ އަމާޒަކީ އެއްވަނަ ނުވަތަ ދެވަނަ: ނިހާން


ސެޕްޓެމްބަރުގައި ފަށާ އައު ފުޓްބޯޅަ ސީޒަނަށް އޮޑި ސްޕޯޓްސް ކުލަބުން ނިކުންނާނީ ޗެމްޕިއަންކަން ނުވަތަ ރަނަރަޕްކަން ހޯދުމުގެ އަޒުމުގައި ކަމަށް އޮޑީގެ ވައިސް ކެޕްޓަން ހުސެއިން ނިހާން (ނިހާޓް) ބުނެފިއެވެ.

އައު ސީޒަނަށް ކުލަބުތަކުން ފަރިތަކުރުންތައް ފަށާފައިވާއިރު އޮޑިން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން ނިހާން ބުނީ އޮޑިން މި ނިކުންނީ ރަނގަޅު ޓީމަކާއެކު މި ސީޒަނުގައި ކުރިޔަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ.

އޮޑި ސްޕޯޓްސް ކުލަބަކީ އައު ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ހޯދާ ދުރާލާ ފަރިތަކުރުންތައް ފެށި ކުލަބެކެވެ.

ނިހާން ބުނީ ފަރިތަކުރުންތައް ދަނީ ރަނގަޅަށް ކަމަށާއި އުންމީދުކުރަނީ ދެވެން އޮތް އެންމެ ރަނގަޅު ހިސާބަކަށް ދިއުމަށް ކަމަށެވެ. އެހެން ނަމަވެސް އައު ސީޒަނަށް ނިކުންނައިރު ކުޅުންތެރިންގެ ފިޓްނަސް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ނިހާން ފާހަގަކުރިއެވެ.

ނިހާން ބުނީ ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު އައު ސީޒަނަށް ޓީމުތަކުން ނިކުންނައިރު އޮޑީގެ ބައެއް ކުޅުންތެރިން ވަނީ މިދިޔަ ދުވަސްތަކުގައި އެކި މުބާރާތްތައް ކުޅެފައި ކަމަށާއި އެހެންކަމުން ފިޓްނަސް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުގައި ފަށާ ޗެރިޓީ ޝީލްޑް މެޗުންނެވެ. 10 ކުލަބާއެމު ދިވެހި ޕްރިމިއަަލީގު ފަށާނީ 18 ސެޕްޓެމްބަރުގައެވެ.