އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ ހަމަޖައްސައިފިއެވެ.
ސްޕެއިންގެ މެޑްރިޑަށް އުފަން ގާސިއާ އާއެކު އޮޑި ސްޕޯޓްސްއިން މި ހަފްތާގައި ފަރިތަކުރުންތައް ފަށާފައިވާއިރު، މިއަދު އޮޑި ސްޕޯޓްސް ކުލަބުން ވަނީ ރަސްމީކޮށް ކޯޗު މީޑިއާއަށް ތައާރަފުކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އީރާން އާއި ޗައިނާގައިވެސް މަސައްކަތް ކޮށްފައިވާ ކޯޗު ގާސިއާއަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖްރިބާ ހުރި ކޯޗެކެވެ. އައު ކޯޗު ކަމާއި ހަވާލުވުމަށްފަހު ގާސިއާ ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި މަސައްކަތް ކުރާ 10 ވަނަ ގައުމު ކަމަށާއި، އުންމީދަކީ އައު ސީޒަނަކީ އޮޑިއަށް ކާމިޔާބު ސީޒަނަކަށް ހަދައިދިނުން ކަމަށެވެ.
ކުލަބުން ކުރި އިތުބާރާއި ދިން ފުރުސަތަށް ޝުކުރުއަދާ ކުރާކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރުމަށް ހުރިހާ ވަސީލަތްތަކެއް އޮޑިން ފޯރުކޮށްދިންކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
އޮޑީގެ ހެޑް ކޯޗު ގާސިއާ ބުނީ އޭނާއަކީ ޗެލެންޖް ނަގާހިތްވާ މީހެއް ކަމަށާއި މި ކުރިމަތިލަނީވެސް ވަރުގަދަ ޗެލެންޖަކާ ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން އޮޑީގެ ފެންވަރު ކުރިޔަށްވުރެ ރަނގަޅު ކޮށްދެވޭނެ ކަމަށް ގަބޫލުކުރާކަމަށާއި މި ތަޖްރިބާއަކީ އޭނާއަށްވެސް ލިބޭ ކުރިއެރުމަކަށްވާނެ ކަމަށެވެ. ޝައުގާއެކު ރާއްޖޭގައި މަސައްކަތް މިފެށީ އޮޑި ސްޕޯޓްސް ކުލަބު އައު ސީޒަންގައި ރަނގަޅު ވާދައެއް ކުރެވޭ ފެންވަރަށް ބައްޓަން ކުރުމަށް ކަމަށް ކޯޗު ގާސިއާ ބުންޏެވެ.
އޮޑީގެ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) ބުނީ ކޯޗު ބުނި ގޮތަށް ދިވެހި ޕްރިމިއާ ލީގަށް ނިކުންނައިރު މި ކުރިމަތިލަނީ ބޮޑު ޗެލެންޖަކާއި ކަމަށެވެ. ސްކޮޑްގެ ވަރުގަދަކޮށްގެން މި ނިކުންނަނީ މުބާރާތުން މޮޅުވުމުގެ އަޒުމުގައި ކަމަށާއި، ސްޕެއިންގެ ކޯޗުގެ ތަޖުރިބާއަކީ މުޅި ކުލަބަށާއި، ޓެކްނިކަލް ސްޓާފުންނަށްވެސް ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. މިއީ ފުދޭވަރަކަށް ފެންވަރު ރަނގަޅު ކޯޗެއް ކަމަށާއި އޮޑި ސްޕޯޓްސް ކުލަބުގެ ޓާގެޓަށް މި ކޯޗާއެކު ދެވޭނެ ކަމަށް ފައްރާހް ބުންޏެވެ.
އޮޑިން ވަނީ މިއަހަރުގެ ކުރީކޮޅު އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަން އެ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖައްސާ ފުރަތަމަ ޑިވިޝަނަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ފެށާފައެވެ. އެހެންނަމަވެސް އެފްއޭއެމް ލީގު ކަޕަށް އެޓީމު ތައްޔާރުވަމުންދަނިކޮށް އަމިއްލަ ކަމެއްގައި އެނބުރި ގައުމަށް ދާންޖެހުމުގެ ސަބަބުން އޭރު ހުރި ހެޑްކޯޗު ވަނީ ޓީމު ދޫކޮށްލާފައެވެ. އޭގެފަހުން ޓީމަށް އިރުޝާދު ދެމުން ގެންދިޔައީ ދެ އެސިސްޓް ކޯޗުން ކަމަށްވާ ފައްރާހް އާއި ފަރްހާދެވެ.
އޮޑީގެ އެސްޖީ އަލީ ޝިފާޒު ބުނީ އައު ސީޒަނަށް ހަތަރު ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެ ކުޅުންތެރިން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
ދިވެހި ކުޅުންތެރިން ހޯދުމުގައި ހުރި ދަތިކަން ފާހަގަ ކުރަމުން ޝިފާޒު ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުރިޔަށް ގެންދެވޭނީ ކުޅުންތެރިންގެ އިތުބާރު ލިބިގެން ކަމަށާއި، އިތުބާރު ހޯދުމަށް ކުޅުންތެރިންނަށް ކުލަބުތަކުން ލިބޭ އާމްދަނީ ރަނގަޅުވާންޖެހޭ ކަމަށެވެ. އަދި ރަނގަޅު އާމްދަނީއަކާއެކު އަލުން ކުޅުންތެރިންގެ އިތުބާރު ހޯދުމަށް ރާއްޖޭގެ ވިޔަފާރިވެރިން ކުލަބުތަކަށް އެހީތެރިވެދޭންޖެހޭ ކަމަށެވެ.