ޚަބަރު

ދެގުނަ ކެޕޭސިޓީގެ ޑްރެޖަރެއް ބޭނުންކޮށްގެން ރަސްމާލެ ހިއްކަންފަށައިފި


  • ސައިޓް "ސީ"ގައި ހިމެނެނީ 190 ހެކްޓަރު

  • ސައިޓް "އީ"ގައި ހިމެނޭ 75 ހެކްޓަރު

ދެގުނަ ކެޕޭސިޓީގެ ޑްރެޖަރަކާއެކު ރަސްމާލޭގައި އިތުރު 265 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ރަސްމާލެ ތަރައްޤީކުރަނީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަދުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ ބޮޑު މަޝްރޫޢުއަކީ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މި ސަރަހައްދުތަކުން 21،641 މުރަކަ ރައްކާތެރިކަމާއެކު ނެގުމަށްފަހު ވަނީ މާލެ އަތޮޅު ބެންހާފަރާއި މަނިޔަފުށ،ި އަދި ބައެއް ރިސޯޓުތަކުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމްތަކަށް ބަދަލުކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އައިސްފައިވަނީ 11 ސަރަޙައްދަކަށް ބަހާލައިގެން 2 ކުންފުންޏަކުންނެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭ ވަނީ އެމސައްކަތް ކުރިއަށްގެންދަން ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކުންފުންޏާވެސް ހަވާލުކޮށްފައެވެ. އެއާއެކު މިހާރު މި މަސައްކަތް 3 ކުންފުންޏަކުން ދަނީ ކުރަމުންނެއެވެ.

ސައިޓް "ސީ"ގައި ހިމެނޭ 190 ހެކްޓަރާއި "އީ"ގައި ހިމެނޭ 75 ހެކްޓަރ ހިމެނޭޙެން ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކަން މިހާރު މިވަނީ ފަށާފައެވެ. އެގޮތުން ބިންހިއްކުމަށް ފަށާފައިވަނީ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރެއް ކަމުގައިވާ "ޔެންގ ޖުން 1" އެވެ. މި ޑްރެޖަރުގެ ކެޕޭސިޓީއަކީ 21،000 ކިޔުބިކް މީޓަރެވެ. މިއީ ރަސްމާލެ ހިއްކުމަށް މިހާތަނަށް ބޭނުންކުރަމުން އައި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެއެވެ.

ރަސްމާލެއިން ހިއްކުމަށް ހަމަޖެހިފައިވާ އިތުރު ސަރަޙައްދުތަކަށް ބަލާއިރު ސައިޓް "ޖޭ"ގެ 29 ހެކްޓަރުގެ ބިން ހިއްކާ ނިންމުމަށްފަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ސައިޓް "ޑީ، އެފް، ޖީ، އެލް" އިން 394 ހެކްޓަރުގެ ބިން ހިއްކާއިރު މިހާތަނަށް އައިއިރު ވަނީ 100.60 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ސައިޓް "އޭ، ބީ، އެޗް،އައި" މި ސަރަޙައްދުތަކުން 321 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި ސަރަހައްދުން ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މި ސަރަހައްދުގައި ހުރި މުރަކަތައް ރައްކާތެރިކަމާއެކު އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައިއެވެ.

ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިހާރުވެސް ވަނީ ހަވާލުކޮށްފައެވެ.

ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މަޝްރޫޢެއްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.