ރަނގަޅު ކުޅުންތެރިއަކު ލިބިއްޖެނަމަ ލިވަޕޫލްއިން އަދިވެސް އެ ކުޅުންތެރިއަކު ގަންނާނެ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު މިހެން ބުނީ މި ސީޒަނަށް އެންމެ ބޮޑު ހޭދައެއް ކުރި އެއް ޓީމަކީ ލިވަޕޫލް ކަމަށް ވެފައި ވަނިކޮށެވެ. ސްލޮޓް ވަނީ މިހާތަނަށް 300 މިލިއަން ޕައުންޑަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ. މި ގޮތުން ގެނައީ ޖަރުމަނުގެ ބަޔާ ލެވަކޫސެންގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްސް އާއި ޖެރެމީ ފްރިމްޕޮންގް އަދި ފްރާންސްގެ ފޯވަޑް ހޫގޯ އެކިޓިކޭ އެވެ.
މީގެ އިތުރުން އެ ކުލަބުން ވަނީ އަގުބޮޑުކޮށް ދެ ކުޅުންތެރިއަކު ވިއްކާލައިފަ އެވެ. އެއީ ކޮލަމްބިއާގެ ވިންގަ ލުއިސް ޑިއާޒް އާއި އުރުގުއޭގެ ފޯވަޑް ޑްރަވިން ނޫނޭޒް އެވެ. މީގެ އުތުރުން ޖަރެލް ޖަނާށް ވެސް ވެސް ވަނީ ކުލަބުން ފޮނުވާލައިފަ އެވެ.
މި ބަދަލުތަކާއެކު ލިވަޕޫލުން މިހާރު އަމާޒު ހިފާފައިވަނީ ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކް އާއި ކްރިސްޓަލް ޕެލަސްގެ މާކް ގެނައުމަށެވެ.
މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ކޯޗު ސްލޮޓް ބުނީ މި ވަގުތު ވާހަކަ ދައްކަން ބޭނުންވަނީ ޓީމުގައި ތިބި ކުޅުންތެރިންނާ ބެހޭ ގޮތުން ކަމަށެވެ.
"މިހާރު އޮތް ސްކޮޑާމެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އަހަރެން ދެން މި ބަލަނީ ދެ މަގާމަށް މީހުން ގެންނަނަ. އެކަމަކު ފަހަރުގައި އެއަށްވުރެ އިތުރު ވެސް ވެދާނެ. މާކެޓުގައި ރަނގަޅު އަދި ޓީމަށް ބޭނުންތެރި ކުޅުންތެރިއަކު ހުރެފިނަމަ އެ މީހަކު ނުގެންނަންވީ ސަބަބެއްނެތް. އެކަމަކު ޓްރާންސްފާ މާކެޓް ނިމޭއިރު މާ ބިޒީ ވާނެ ކަމަށް އަހަރެން ނުދެކެން،" ކޯޗު ބުންޏެވެ.