ބާސެލޯނާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2030 ގެ ނިޔަލަށް އައުކޮށްފިއެވެ.
2022 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ސްޕެއިންގެ ސެވިއްޔާއިން ބާސެލޯނާއާ ގުޅުނު ފްރާންސްގެ ޑިފެންޑަރ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ބާސެލޯނާގެ ފުރަތަމަ ޓީމުން ފުރުސަތު ހޯދާފަ އެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާ ވަނީ ބާސެލޯނާއަށް 142 މެޗު ކުޅެދީފަ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ސްޕެއިންގެ ކޮޕާ ޑެލްރޭގެ ފައިނަލުގައި 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް ބާސެލޯނާއިން މުބާރާތް ކާމިޔާބުކުރިއިރު ފައިނަލް މެޗުން ބާސެލޯނާ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކޫންޑޭ އެވެ.
"ބާސެލޯނާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައު ކުރުމުން އަހަރެން ވަރަށް އުފާ ކުރަން. އަހަރެން އަބަދުވެސް ބޭނުންވަނީ މި ކްލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދަން." ކޫންޑޭ ބުންޏެވެ.
ކޫންޑޭ އިތުރަށް ބުނެފައިވަނީ ބާސެލޯނާ އާއިއެކު މި ފެށުނު ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށާއި އަދި އެ ކްލަބުގައި އެފަދަ ކާމިޔާބީތަކެއް ހޯދޭނެ ފެންވަރު އެބަހުރި ކަމަށެވެ.