މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ މާދަމާ ހެނދުނު ހުޅުމާލޭގައި ހުންނަ އިންޖީނުގޭގެ މަސައްކަތްތަކެއް ކުރުމަށް ތާވަލުކޮށްފައިވާކަމަށެވެ. އެހެންކަމުން މާދަމާ ހެނދުނު 6:00 އިން 10:00 އަށް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ކެނޑޭ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ ގަޑިއިރެއްހާ އިރަށްކަމަށެވެ. އަދި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ކަރަންޓު ނުކެނޑޭނެކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، ހުޅުމާލެ އިންޖީނުގެ ޤާއިމުކުރިފަހުން އިތުރުވަމުންދާ އާބާދީއާއި ކަރަންޓުގެ ޑިމާންޑަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރު އިންޖީނުތަކެއް އިންސްޓޯލްނުކުރެވުމުގެ ސަބަބުން މިހާރު ހުރި އިންޖީނުތައް ނިއްވާލައިގެން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާގޮތުގައި ނުކުރެވޭކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، ހުޅުމާލޭ އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހޭނެކަމަށް ފަހްމީ ވިދާޅުވިއެވެ.
"މިމަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންގެ ނެޓްވޯކްއިން ގާތްގަނޑަކަށް 50 މެގަވޮޓް އުނިވެގެންދާނެ. އެހެންކަމުން ފަހަރެއްގައި މާލެއާއި ހުޅުމާލެއިން ލޯޑް ޝެޑްއެއްކުރަންޖެހިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ކޮންޓްރޯލް ލޯޑް ޝެޑްއަކަށް މިދަނީ. އަޅުގަނޑުމެން ކަސްޓަމަރުންނަށް އަންގަމުންވެސްދާނަން، ބައިގަޑިއިރަށް ނުވަތަ 45 މިނިޓަށް ކެނޑިދާނެއޭ އެކި ދިމަދިމާލުން އެކި ފަހަރުމަތިން ކަނޑާލާނެއޭ." ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ އިންޖިނިއަރ އިބްރާހިމް ނިޝާދު ވިދާޅުވީ، މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން 10:00 ޖެހުމާއި ހަމައަށް ނަމަވެސް މާލެއާއި ހުޅުމާލެ އެއްކޮށް ކަރަންޓު ކަނޑަލީ ނޫންކަމަށެވެ.
"އަޅުގަނޑުމެން ކަރަންޓު ކަނޑާނީ އެކަނޑާ ސަރަޙައްދަކުންވެސް ގާތްގަނޑަކަށް ގަޑިއިރަކަށް. އަދި ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާނަން." ނިޝާދު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިންޖީނުގެތަކެވެ. ހުޅުމާލޭ އިންޖީނުގޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކުރުމަށް އެއިންޖީނުގޭގައި ހުރި 6 އިންޖީނު ނިއްވާލުމަށް ވަނީ ހަމަޖެހިފައެވެ.