ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދާއިރާއެއްގައި ޤައުމީ ސްޓްރެޓެޖީތައް ނުވަތަ އިސްތިރާޖުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކުރިއެރުވުން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގެ ރިވިއުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާގައި ދިވެހިރާއްޖޭން ބައިވެރިވީ 5 އޭޕްރިލް 2010ގައެވެ. އެ މުއާހަދާގެ ދަށުން 2018ވަނަ އަހަރު ރާއްޖޭން ވަނީ އދ.ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީން ރިވިއު ކުރުމަށްޓަކައި އިނީޝަލް ރިޕޯޓު ހުށަހަޅުއްވާފައެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ރިވިއު ސެޝަންގައި ރާއްޖޭން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭން ހުށަހެޅި އިނީޝަލް ރިޕޯޓުގައި އެ މުއާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްގުތައް، އެގޮތަށް ލިބިދިނުމައްޓަކައި 2010ން 2018ގެ ނިޔަލަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މައުލޫމާތު ވަނީ ހިމަނާފައެވެ. އެ ރިޕޯޓާ ގުޅިގެން އދ. ގެ ކޮމިޓީން 2020ވަނަ އަހަރު ފޮނުވި ސުވާލުތަކަށް 2023ވަނަ އަހަރު ރާއްޖޭން ވަނީ ޖަވާބު ފޮނުވާފައެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ އޮފީހުގައި ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ރިވިއުގައި މުއާހަދާ ތަންފީޒުކުރުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އިންސާނީ ޙައްގުތަކާބެހޭ ކޮމިޓީން ކުރި ސުވާލުތަކަށް ރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދެއްވާފައެވެ.
މި ރިވިއުގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތަކަކީ އިންސާނީ ކަރާމަތާ ގުޅިލާމެހިފައިވާ ޙައްގުތަކެއް ކަމަށެވެ. އަދި އެއީ ހަމަހަމަ ފުރުސަތުތަކާއި ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ގާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްގުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ ރާއްޖޭން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ހައްލުކުރުމުގެ ބަދަލުގައި ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލާ މައިގަނޑު އިސްތިރާޖުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ކުރިއެރުވުމަށް ވަށައިޖެހޭ ހައްލުތަކެއް ހިމެނުން ކަމަށެވެ.
މި ރިވިއުގައި ރާއްޖޭގެ ވަފުދުގައި ބަންޑާރަނައިބުގެ އޮފީހުގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސިއްޙީ ވުޒާރާއާއި ތަޢުލީމީ ވުޒާރާ އާއި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ކަމާގުޅުން ހުރި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރިވިއު ސެޝަންގައި ރާއްޖޭން ހިއްސާކުރި މައުލޫމާތުތަކަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިން އޮބްޒަވޭޝަންތަކާއި ރެކޮމަންޑޭޝަންތައް ހޯމަ ދުވަހު އެޑޮޕްޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.