އަލިފާން ރޯވި މ.އަފްޒާ ގޭގައި ދިރިއުޅު ފަރާތައް ވަގުތީ ބޯހިޔާވަހިކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ، އެންޑީއެމްއޭއިން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މިހާދިސާގެ ސަބަބުން ދުމާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު މިހާރު ވަނީ ހަމަޖައްސާފައިކަމަށެވެ.
ރޯވެފައިވަނީ އޭގޭގެ 6ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ހަރުކޮށްފައި ހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައިކަމަށާއި ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.