ކުޅިވަރު

ސީއެމްސީ ކިންގްސް ކަޕް: ފަށާނީ ވެމްކޯ އާއި އާރްޑީސީ ކުޅޭ މެޗުން


ކުލަބު މޯލްޑިވްސްގެ ފުޓްސަލް ސީޒަން ފަށާނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި ރަނަރަޕް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްޑީސީ) ކުޅޭ މެޗުންނެވެ.

މިއަހަރުގެ ސީޒަން ފަށާނީ މުޅިން އައު ފޯމެޓަކަށް ރާއްޖޭގެ ހުރިހާ ބޮޑެތި ފުޓްސަލް މުބާރާތްތަކުގެ ޗެމްޕިއަނުން ވާދަކުރާ ކިންގްސް ކަޕުންނެވެ.

މި އަހަރުގެ ކިންގްސް ކަޕުގައި ވާދަކުރާނީ ވެމްކޯ އާއި އާރްޑީސީގެ އިތުރުން އޭދަފުށި މުބާރާތުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކުލަބާއި، އައްޑޫ ސިޓީގެ ޗެމްޕިއަނުން މައިލޯ ސްޕޯޓްސް ކުލަބާއި، މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ކާށިދޫ އާއި ރަނަރސްއަޕް ނައިވާދޫ އަދި އެންމެ ފަހުން ކްލެސިކް މުބާރާތް ކާމިޔާބުކުރި ކުޅިވަރު ވުޒާރާ އާއި ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ޖޯލި މޯލްޑިވްސްއެވެ.

މި މަހުގެ 30 ވަނަ ދުވަހުގެރޭ ކިންގްސް ކަޕުން މުބާރާތް ފަށާއިރު، ހުސްވި އަހަރު ކިންގްސް ކަޕުގައި ކުޅުނީ އެންމެ މެޗެކެވެ.

މި އަހަރު ކުލަބު މޯލްޑިވްސް ކްލެސިކުގައި 20 ޓީމެއް ބައިވެރިވެފަވާއިރު، މި މުބާރާތް ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. ކްލެސިކްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުލަބު 220 އާއި އެސްޑީއެފްސީއެވެ. މުބާރާތް ކުރިއަށްދާނީ 8 ގުރޫޕަކަށް ބަހާލައިގެންނެވެ.

މުބާރާތުގެ ގުރުއަތުލުން ނިމިފައިވާއިރު، އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެއީޓީން ތާޓީ ކްލެސިކް ފަށާނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި އެ ދުވަހުގެރޭ ސްޓެލްކޯ ނިކުންނާނީ ކަސްޓަމްސްއާ ދެކޮޅަށެވެ. ހަމަ އެރޭ ދަރުމަވަންތަ ހޮސްޕިޓަލާއި ހެލްތު ރެކްރިއޭޝަން ކުލަބު ވާދަކުރާނެއެވެ. މި މުބާރާތުގައި 12 ޓީމެއް، 3 ގުރޫޕެއްގައި ވާދަކުރާނެއެވެ.

ކުލަބު މޯލްޑިވްސް ފުޓްސަލް ސީޒަން މި މަހުގެ 30 އިން ނޮވެމަބަރު މަހުގެ 07 ވަނަ ދުވަހަށް ކުރިއަށްދާނެއެވެ. މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތެވެ. މި އަހަރު ކުލަބު މޯލްޑިވްސްގެ 20 ވަނަ ސީޒަން ކުރިއަށްދާއިރު، ހާހަކަށްވުރެ ގިނަ ކުޅުންތެރިން މިއަހަރުގެ ހަ މުބާރާތުން ވިދާލާނެއެވެ.

ކުލަބު މޯލްޑިވްސްއިން މި އަހަރަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފުޓްސަލް ސީޒަނުގެ ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީންނާއި، ޕީއެސްއެމް އެއަރ މެދުވެރިކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.