ދުނިޔެ

ރަޝިޔާއާއި ތުރުކީގެ ގުޅުން ހަރުދަނާކުރަނީ


ރަޝިޔާއާއި ތުރުކީވިލާތުގެ ގުޅުންތައް ބަދަހިކޮށް ހަރުދަނާކުރުމަށް އެދެޤައުމުގެ ރައީސުން އެއްބަސްވެ ވަޑައިގެންފިއެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަޝިޔާގެ ސެންޕީޓަސްބާގް ގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި އެ ދެބޭފުޅުންވެސްވަނީ ހުރިހާ ދާއިރާތަކަކުންވެސް ދެޤައުމުގެ ގުޅުންތައް ބަދަހިކޮށް ހަރުދަނާ ކުރުމަށް އެއްބަސްވެ ވަޑައިގެންނެވިކަން ހާމަ ކުރައްވާފައެވެ. މިގޮތުން ރަޝިޔާއާއި ތުރުކީވިލާތާ ދެމެދު ހުއްޓިފައިވާ ވައިގެ ދަތުރުފަތުރު އަލުން ފެށުމަށާއި އިންޕޯޓް އެކްސްޕޯޓްގެ މުޢާމަލާތްތައް އިތުރުކޮށް ވިޔަފާރީގެ މުޢާމަލާތައް ފުޅާކުރުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވެއެވެ.

ޕޫޓިންއާއި އުރުދުޣާންގެ ބައްދަލުކުރެއްވުމުގައި ސޫރިޔާގެ މައްސަލައާބެހޭގޮތުން މަޝްވަރާކުރެއްވިކަން އެދެބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.

ރަޝިޔާއާއި ތުރުކީވިލާތުގެ ގުޅުންތައް ހީނަރުވެގެންދިޔައީ ސޫރިޔާގެ މަތިން އުދުހުނު ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް މިދިޔަ އަހަރުގެ ފަހުކޮޅު ތުރުކީވިލާތުން ވައްޓާލުމާ ގުޅިގެންނެވެ. ނަމަވެސް އެމައްސަލާގައި ރަޝިޔާގެ ކިބައިން ތުރުކީ ސަރުކާރު މައާފަށް އެދުމުން މީގެ ދޮޅުމަހެއްހާ ދުވަސްކުރިން ދެޤައުމުގެ ގުޅުންތައްވަނީ އާދައިގެ ޙާލަތަކަށް އައިސްފައެވެ.