ޚަބަރު

އެމްބާޕޭގެ ދެ ލަނޑާއެކު ރެއާލް މޮޅުވެއްޖެ


ސްޕެނިޝް ލީގުގައި ރޭ އޮވިއޭޑޯއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރު އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ވިނިޝިއަސް ޖޫނިއަރ އަދި ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަށް ބަދަލު ކުޅުންތެރިންގެ ގޮތުގައި މި މެޗުން ފުރުސަތު ދީފައިވާއިރު އޭނާ ވަނީ 18 އަހަރުގެ ޒުވާން ފޯވަޑް ފްރެންކޯ މަސްޓަންޓުއޯނޯ އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ.

ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 37 ވަނަ މިނިޓުގައި އާޑާ ގުލާ ދިން ޕާހަކުން ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ކިލިއަން އެމްބާޕޭ ކާމިޔާބުކުރިއިރު ތިންވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިނިޝިއަސް ޖޫނިއަރ މެޗުގެ އިތުރު ވަގުތުގައި ޖަހައިދީފައިވާ ލަނޑެކެވެ.

އެމްބާޕޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ކުޅުނު ދެ މެޗުގައި ތިން ލަނޑު ޖަހާފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އޮސަސޫނީ ބަލިކުރި މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.