ޚަބަރު

އައު ފްލެޓްތައް ހިމެނޭ ސަރަޙައްދަށް އިތުރު ބަސް ސްޓޮޕެއް


  • ހުޅުމާލޭ ދެވަނަ ފިޔަވހީގައި އިތުރު 4 ބަސްޓޮޕެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފަ

  • ބަސްޓޮޕްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ލިބޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕް ހަދައި ނިންމާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، ފްލެޓް ލިބޭ މީހުން އެތަންތަނަށް ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާކަމަށެވެ.

އެގޮތުން، އެ ސަރަޙައްދުގައި 5 ބަސް ސްޓޮޕެއް އަލަށް ޤާއިމްކުރުމުގެ މަސައްކަތް ފެށި މަސައްކަތުގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕްގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4،000 ފްލެޓް ހިމެނޭ ޓަަވަރުތައް ކައިރީގައި މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭތީ ބަސް ސްޓޮޕްތައް ގާއިމްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެހެން ފްލެޓްތައް ކައިރީގައި ބަސް ސްޓޮޕްތައް ޤާއިމްކޮށްފައިވެއެވެ.

އެޗްޑީސީއިން ވިދާޅުވީ، އެ ސަރަޙައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްކަމަށެވެ.