ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޮޅިވަރަމަށް ވަޑައިގެންފިއެވެ.
މިއީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެއަތޮޅުގެ 6 ވަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަމަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ނޮޅިވަރަމް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮޅިވަރަމްގެ ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
ހަމައެއާއެކު، ނޮޅިވަރަމުގައި އަލަށް ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ނޮޅިވަރަމުގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، އެރަށުގައި އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އެޅުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި އިއްޔެ ރައީސް ވަޑައިގެންނެވި 3 ރަށުގެ އިތުރަށް މިދެދުވަހު ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.