މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި އަޙްމަދު އިރުފާން (އިރޭ) ވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ހަންނަ މާޒިޔާއަށް ކުޅެން ފެށީ 2023 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ކުރިން ކުޅުނީ އީގަލްސް އަށެވެ. އިރުފާން އަކީ ވެލެންސިއާއިން މާޒިޔާއަށް ބަދަލުވެ އެ ކުލަބުގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިންވެސް ނިއު ރޭޑިއަންޓަށް ކުޅުމާ ގާތަށް ގޮސްފައިވާއިރު، މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަވެފައެވެ. އަދި އެއްބަސްވުން އައުކުރަން މާޒިޔާއިން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މި ދެ ކުޅުންތެރިން ނިއު ރޭޑިއަންޓުގެ ޖާޒީ ލާނެކަނެ ކަމަށް ބެލެވެން ފެށިއިރު، މާޒިޔާއަށް ކުޅުނު ގައުމީ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވަނީ ރޭ ނިއު ރޭޑިއަންޓަށް ކުޅެން ސޮއިކޮށްފައެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަނުގައި ވާދަނުކުރަން ނިންމުމުން އެ ޖާގަ ހޯދާނެ ކަމަށް ބެލެވިފައިވާ ނިއު ރޭޑިއަންޓުން މޮޅު ކުޅުންތެރިން ހޯދަން ފެށީ ހަތަރު އަހަރު ދެވަނަ ޑިވިޝަނުގައި އޮތުމަށްފަހު އެވެ. އަންނަ މަހު ފަށާ ސީޒަނުގައި އެ ކުލަބުން ފެންނާނެ ކަމަށް ބެލެވިފައިވާ އަނެއް ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އެ ކުލަބާ އެންމެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ލެޖެންޑް އަލީ ސުޒެއިންއެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރީ ރާއްޖޭގެ ގައުމީ ކޯޗަކުގެ މަގާމުގައެވެ.