އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ "އެކު އެކީ" ތަމްރީން ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން 18-25 އަހަރާއި ދެމެދުގެ ކުދިންނަށް ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
އޮގަސްޓް 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި، ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއިން 18 ފަރާތަކުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 04 ފަރާތެއް ވެސް ހިމެނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން މި އުމުރުފުރައިގެ ކުދިންގެ މެދުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ވާހަކަ ދައްކާ ހައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާ ދިނުމުގެ އިތުރުން، އަމިއްލަ އަދި އަނެކާގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަންނާނެ ގޮތްތައްވެސް ބުނެދެވޭނެއެވެ.
ހަމައެހެންމެ، މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ. އެގޮތުން، މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތެއް ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.