ސިޔާސީ މީހުންނާއި ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރުކުޑަވުމަކީ ވޯޓުލާ މީހުންގެ ނިސްބަތް ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބުކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ މިހެން ވިދާޅުވީ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
ހަސަން ވިދާޅުވީ ރައްޔިތުންގެ ބާރު ފެނިގެންދަނީ އިންތިޚާބުތަކުންކަމަށާއި އެހެންކަމުން ވޯޓުލުމުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވުމަކީ ޑިމޮކްރެޓިކް ނިޒާމް ކުރިއަށްގެންދިއުމަށް ހުރަސް އެޅޭނެ ނުރައްކަލެއްގެ ރަނގަބީލުކަމަށެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ ބޮޑު އިންސައްތައަކީ އަލަށް ވޯޓުލާ މީހުންކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ވޯޓުލުމުގައި ބައިވެރިވުން ކުޑަކަމަށް ފެންނަނީވެސް އެ އާބާދީގެ ތެރެއިންކަމަށެވެ. އެހެންކަމުން ޒުވާނުން ވޯޓުލާން ދިއުމަށް ބޭނުން ނުވާ ސަބަބުތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސައްކަތް ކުރަންޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރާއްޖޭގައި ވޯޓުލާ މީހުން މަދުވާ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ މީހުންނާއި ޑިމޮކްރެޓިކް ނިޒާމުގެ މަތިން ރައްޔިތުން ފޫހިވެ، އެކަންކަމަށް އޮތް އިތުބާރު ކުޑަވުންކަމަށެވެ. އެކަން އެހެން ދިމާވަނީ ރައްޔިތުން އިންތިޚާބު ކުރާ މީހުންނަށް ނަތީޖާ ނުނެރެދެވޭތީ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުން ސިޔާސަތުތައް ނުވަތަ މެނިފެސްޓޯ ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ނަތީޖާ ނެރެންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
"ރައްޔިތުންގެ ތާޢީދާއެކު ސަރުކާރެއް އައިސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށީމަ އެ މީހާއަށް އިހުސާސް ކުރެވޭނެ ތިމަންނަގެ ވިސްނުމާއެއްގޮތަށް، ތިމަންނަވެސް މަޝްވަރާ ދިން ކަމެކޭ. ތިމަންނަ ޚިޔާލު ދިން ކަމެކޭ މިއަދު ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ތަންފީޒުކުރެވިގެން އެދަނީ،" އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން ކެމްޕޭން ކުރުމުގައިވެސް ތަފާތު އުކުޅުތައް ބޭނުންކުރަންޖެހޭކަން ހަސަން ފާހަގަކުރެއްވިއެވެ. އެގޮތުން، ދޮރުން ދޮރަށް ދިއުމުގެ އިތުރުން ޒުވާނުން ޝައުގުވެރިވާގޮތްތަކަށް ރެލީތައް ބޭއްވުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޯޓުލާ ދުވަހު ވޯޓުލުމުގައި ހުރި ދަތިތައް ބަލައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި އާބާދީގެ ނިސްބަތުން ވޯޓުލާ މީހުންގެ އަދަދު ގިނައެވެ. ނަމަވެސް ޒުވާނުންގެ ތެރޭގައި ވޯޓުލާން ނުކުތުމަށް އޮންނަ ޝައުގުވެރިކަން ކުޑަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެކަން ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރާއި ސިޔާސީ ޕާޓީތަކުން ގިނަ މަސައްކަތްތައް ކުރަންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.