ޚަބަރު

އަޑުގެ އަދަބީ ކާނިވާ މާދަމާ ހަނީމާދޫގައި ފަށަނީ


ޕީއެސްއެމްގެ ދިވެހިރާއްޖޭ އަޑުން އިންތިޒާމްކޮށްގެން ބާއްވާ ހަތަރުވަނަ އަދަބީ ކާނިވާ ހދ ހަނިމާދޫގައި މާދަމާ ފެށޭނެއެވެ.

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކުރާ މި އަދަބީ ކާނިވާ ކުރިޔަށްގެންދަނީ ހަނިމާދޫ ސްކޫލާ ގުޅިގެން އަދި އާންމުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށްގެންދެވޭ ބައެއް މުބާރާތްތައް ހިމެނޭގޮތަށް ކަމަށް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތުދެއެވެ. މިފަދަ އަދަބީ ކާނިވަލެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި އަދަބިއްޔާތަށް ސްކޫލުކުދިން އަހުލުވެރިކުރުވާ، އަދަބީ  ފަންނުތަކަށް ސްކޫލުކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުންކަމަށް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތުދެއެވެ. މާދަމާ ހަވީރުން ފެށިގެން ކުރިޔަށްއޮތް ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި އަދަބީ ކާނިވަލުގައި ތަފާތު އަދަބީ މުބާރާތްތައް ސްކޫލުކުދިންނާއި އާންމުންނަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. 

މިގޮތުން ކުރުވާހަކަ ލިއުމާއި މަޒުމޫނު ލިއުމާއި ޅެންހެދުމާއި ޅެންކިއުމުގެ މުބާރާތާއި ބަސްކޮށާރު ކުއިޒް ފަދަ ހަރަކާތްތައް ހަނިމާދޫ ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމަށް ދިވެހިރާއްޖޭއަޑުން ބުނެއެވެ. ބޮޑަތި މީހުންނަށް ޚާއްޞަކޮށް ރައިވަރު ކިއުމުގެ މުބާރާތަކާ، ދައްކާލުމުގެ ބަހުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާ، އަދި މި ކާނިވާ ކުރިޔަށްދާއިރު ސްކޫލް ކުދިންގެ ޘަޤާފީ ހަރަކާތްތައް ކުރިޔަށްގެންދާނެކަމަށް ދިވެހިރާއްޖޭއަޑުން މަޢުލޫމާތުދެއެވެ. 

އަދަބީ ކާނިވާ ކުރިޔަށް ގެންދިއުމަށް އަޑުގެ ޓީމެއް ހަނިމާދޫގައި ހަރަކާތްތެރިވާއިރު މިހަރާތްތަކުގެ ރިކޯޑިންގ ދިވެހިރާއްޖޭގެ އަޑުން އަންނަ ހަފްތާގެ ހުކުރު ހޮނިހިރުގައި ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށާ، އަދި ޓީވީއެމްއިންވެސް މިހަރަކާތްތަކަށް ޚާއްޞަކޮށް ޕްރޮގްރާމެއް ތައްޔާރުކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ އަޑުން މަޢުލޫމާތުދެއެވެ.