ޚަބަރު

ތެލަސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާމެދު އަލުން ވިސްނުމަށް ކޮމިޓީއަށް


  • ވޯޓުދެއްވި 60 މެންބަރުންގެ އިއްތިފާގުން ފާސްކުރީ މި ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް

މި މަހުގެ 6ވަނަ ދުވަހު މަޖިލީހުން ފާސްކުރި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގޮތަށް މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބިލު މަޖިލީހަށް އަނބުރާ ފޮނުވުމުން މެންބަރުންގެ މެދުގައި ބަހުސް ކުރުމަށްފަހު ނިންމަވާފައިވަނީ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އަލުން ދިރާސާ ކުރުމަށެވެ. އެގޮތުން ޖަލްސާގައި ވޯޓުދެއްވި 60 މެންބަރުންގެ އިއްތިފާގުން ފާސްކުރީ މި ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރުުު ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއް ކަމަށާއި އެ މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެ މަޤާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ތެލަސީމިއާ ސެންޓަރުގެ ޑީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މަގާމުގެ ޝަރުތުތައްވެސް ތަފްސީލުކޮށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް އިތުރުކޮށްފައެވެ. މިހާރު ޤާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.

އެ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.