ޚަބަރު

ޔަހޫދީން ދިމިޝްޤަށް ބޮން އަޅައި ސޫރިޔާ ސިފައިންގެ ބަޔަކު މަރައިލައިފި


ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅައި، ސޫރިޔާ ސިފައިންގެ ހަ މީހުން މަރައިލައިފިއެވެ. ޔަހޫދީ ފައުޖުން ދިމިޝްޤަށް ޙަމަލާ ދީފައި ވަނީ އަސްކަރީ ޑްރޯން ބޭނުން ކޮށްގެންނެވެ. ސޫރިޔާގެ އަސްކަރިއްޔާގެ ބާރު މި ވަގުތު އޮތީ އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ދަށުގައެވެ.

ޔަހޫދީ ސިފައިން ދިމިޝްޤަށް ޙަމަލާ ދީފައި މި ވަނީ، އެޗްޓީއެސްގެ ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތައް ވިލަރެސް ކުރަނީ އެމެރިކާއިންނެވެ. މަޝްވަރާތަކުގެ ބޭނުމަކީ އެޗްޓީއެސް ސަރުކާރާއި ޔަހޫދީންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން ޙައްލުކޮށް، ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް މަގުކޮށައިދިނުމެވެ. އަދި، ސޫރިޔާގެ ދެކުނުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުތަކުން ބޭލުމެވެ.

އޮގަސްޓު 25ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ 60 ވަރަކަށް ސިފައިން ސޫރިޔާގެ ޙަރްމޫން ފަރުބަދަ އޮންނަ ސަރަޙައްދަށް ފޮނުވައި، އެ ސަރަޙައްދު ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި ފަދަ ޖަރީމާތަކާ ގުޅިގެން ސަރަޙައްދީ ސުލްޙައާއި ސަލާމަތަށް ނުރައްކާވާ ކަމުގައި ބުނެފައެވެ.

ޙަރްމޫން ފަރުދަބައާއި ލުބްނާންގެ ސަރަޙައްދީ ރޮނގު ގުޅޭ ސަރަޙައްދަށް ޔަހޫދީ ސިފައިންގެ ބައިގަނޑެއް ފޮނުވާފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެޗްޓީއެސްގެ ސަރުކާރުން އެ ކަން ކުށްވެރި ކޮށްފައިވާއިރު، ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒް ބުނީ، ޙަރްމޫން ފަރުބަދަ ކައިރީގައި ޔަހޫދީ ސިފައިން ދާއިމަށް ދެމިތިބޭނެ ކަމުގައެވެ.

އެޗްޓީއެސުން އަސްކަރީ ބަޣާވާތެއް ކޮށް، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެ ހާދިސާއާ އެކު ޒަޔަނިސްޓު ދައުލަތުން ވަނީ ޔަހޫދީ ސިފައިން ސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ފޮނުވައި، އެ ސަރަޙައްދުތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މިއީ، ސޫރިޔާގެ ސިޔާދަތީ މިނިވަން ކަމާ އިސްތިޤުލާލަށް އަރައިގަތުމުގެ ޖަރީމާއެއްގެ ގޮތުގައި އެޗްޓީއެސްގެ ސަރުކާރުން ސިފަ ކުރެއެވެ.